ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޮސްކީ ހޯދައިފިއެވެ.

މިރޭ ޖެނީވާގައި ކުރިއަށްދިޔަ ހަފްލާގައި މިއަހަރުގެ ޔޫއެފާ މުބާރަތްތަކުގެ ގުރުއަތު ނެގުމުގެ އިތުރުން މިދިޔަ އަހަރު މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިން އިއުލާން ކޮށްފައިވެއެވެ. އޭގެ އިތުރުން ޔޫއެފާ ރައީސްގެ ރައީސް އެލެކްސެންޑްރާ ކެފެރިންގެ ހާއްސަ އިނާމު ޑީޑީއާ ޑްރޮގްބާއަށް ވަނީ އަރުވައިފައެވެ.

ލެވަންޑޮސްކީއަށް ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާއާއި ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ބަޔާނުން މިއަހަރުގެ ޗެމްޕިއަންސް ލީގު އުފުލައިލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ލެވަންޑޮސްކީ ވަނީ މި ސީޒަންގައި ކުޅުު 47 މެޗުން 55 ގޯލް ޖަހައިފައެވެ.

މިއަހަރު އެކަނިވެސް އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ ވަނީ 26 ގޯލް ޖަހައިފައެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބަޔާނުން ކުޅުނު މެޗުތަކުގައިވެސް ލެވަންޑޮސްކީގެ ގިނަ ގޯލްތަކެއް ފެނުނު އިރު، އޭނާ ސީޒަންގައި ފެނިގެންދިޔައީ "ގޯލް މެޝިން" އެއްގެ ގޮތުގައެވެ.

"މިއީ ތަފާތު އިހުސާސެއް. ބުރަ މަސައްކަތް ކޮށްގެން މި ހިސާބަށް އާދެވޭނީ. ކޯޗުންނާއި ކުޅުންތެރިން، އަދި ކްލަބުގެ އެންމެނަށް ޝުކުރު އަދާކުރަން. އޭގެ އިތުރުންވެސް ހާއްސަކޮށް އާއިލާއަށް ޝުކުރު އަދާކުރަން. މުޅި ކެރިއަރުގައި އެންމެ ބޮޑަށް އަހަރެންގެ ހުނަވެރިކަން ގަބޫލުކުރި ފަރާތަތްތައް މިހާ ހިސާބަށް ގެނެސްދިނީ. ކިޔައިދޭން އުނދަގޫ އިހުސާސެއް ކުރެވެނީ،" އެވޯޑާ ގުޅިގެން ލެވަންޑޮސްކީ ބުންޏެވެ.

މިރޭގެ ހަފުލާގައި ޔޫއެފާގެ އެންމެ މޮޅު ޑިފެންޑަރާއި ކޯޗު އަދި ގޯލްކީޕަރުގެ އިތުރުން އެންމެ މޮޅު މިޑްފީލްޑަރު އަދި ފޯވަޑް ވެސް ވަނީ އިއުލާންކޮށްފައެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ލެވަންޑޮސްކީއާއެކު ބަޔާނަށް ކުޅެމުން އަންނަ މެނުއަލް ނޯޔާއެވެ. ނޯޔާއަށް ފުރިހަމަ ސީޒަނެއް ބަޔާންއާއެކު ނިމިގެން ދިޔަ އިރު، އެންމެ މޮޅު ޑިފެންޑަރަކީ ބަޔާންގެ ހޯސުއާ ކިމިކެވެ. އުމުރުން 25 އަހަރުގެ ކިމިކް މިދިޔަ ސީޒަންގައި ފެނުނީ ތަފާތު މޮޅުކޮށެވެ. ޔޫއެފާގެ މޮޅު ކުޅުންތެރިޔާއާއެކު އެންމެ މޮޅު ފޯވަޑްގެ މަގާމުވެސް ގެންދިޔައީ ލެވަންޑޮސްކީއެވެ.

އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ މެންޗެސްޓާ ސިޓީގެ ޑިބްރޭނާއެވެ. ޑިބްރޭނާއަކީ މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގެ އެންމެ ކޯޗަކަށް ބަޔާންގެ ކޯޗު ފްލިކް ހޮވިފައިވާ އިރު، އޭނާ ވަނީ ބަޔާންއާއެކު ފަސް ތަށި ހޯދައިފައެވެ.

ލެވަންޑޮސްކީ ވެފައިވަނީ 2013 ވަނަ އަހަރު ފްރޭންކް ރިބަރީގެ ފަހުން ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޔާންގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިއަހަރުގެ ބެލޮންޑިއޯ އަދި ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވަނީ ކޮވިޑް 19އާ ގުޅިގެން ކެންސަލްކޮށްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އެވޯޑު ނުދިން ނަމަވެސް، ހައްގުވެރިޔަކީ ލެވަންޑޮސްކީއެވެ.

މިރޭގެ ހަފުލާގައި ޔޫއެފާ އެންމެ މޮޅު އަންހެން ކުޅުންތެރިންވެސް ވަނީ އިއުލާންކޮށްފައެވެ. މިދިޔަ އަހަރުގެ ޔޫއެފާ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕެނީލާ ހާޑާއެވެ. މިދިޔަ ސީޒަންގައި ހާޑާ ވަނީ ވުލްވްސްބާގާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން ކުޅުންތެރިޔާގެ ގޮތުގައި މިސީޒަނަށް ހާޑާ ވަނީ ޗެލްސީއަށް ބަދަލުވެފައެވެ.

ޔޫއެފާ އަންހެން ޓީމުތަކުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލިޔޯންއަށް އަށްވަނަ ފަހަރަށް އަންހެނުންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޖޯން ލޫކެވެ.