ފަރުވާއެއް ހޯދިފައި ނެތް ކޮވިޑް-19 ބއާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަތާ އަހަރެއް ވަނީ އެވެ. ބަލީގެ ބިރުވެރިކަމާއި ހިތްދަތި މަންޒަރުތައް އަދިވެސް ހިތްތަކުން ފިލައިގެން ނުދެ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު 34 މިލިއަނަށް އަރާފައިވައިރު ބަލީގައި އެއް މިލިއަން މީހުން ވަނީ މަރުވެފަ އެވެ. މަގުތަކާއި މަދަރުސާތަކާއި ވައިގެ ބަނދަރުތައް ފަޅުވެފަ އެވެ. އެތައް ގައުމެއްގެ އިގްތިސާދު ފުނޑިއްޖެއެވެ. އެކަމުން އަރައިގަނެވޭނެ ދުވަހެއްވެސް ނޭނގެ އެވެ. ލިބުނު ނިކަމެތިކަމުން އެތައް ބަޔަކު ބިކަވެއްޖެ އެވެ.

ރާއްޖެއިން ވެސް ފެންނަމުން ދަނީ މި މަންޒަރެވެ. ތަރައްގީގެ ކުރިބޯށިތަކުގައި ހިފަމުން އައި މި ރާއްޖެ މުޅިންހެން ހުއްޓިއްޖެ އެވެ. އިގްތިސާދުގެ މައި ދޮރުތަކަށް އެރި ލޮޅުމުން ލިބޭ އަމްދަނީ މަދުވެ، ދަރަނީގެ އަދަދު އިތުރުވާން ފަށައިފި އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ދިވެހިންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ.

މި ބައްޔާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އެންމެ ބޮޑު ފަރުވާއަކީ ދިރިއުޅުމުގެ ހެޔޮ އާދަތަކެކެވެ. ދިރިއުޅުމަށް ގެންނަ ހެޔޮ ބަދަލުތަކެކެވެ. ތިމާއާއި އެހެން މީހުންގެ ސިއްހީ ރައްކާތެރިކަމަށް ވެސް ބަލައިގެން އެޅޭ ފިޔަވަޅު ތަކެކެވެ.

ކޮވިޑް-19އާއެކު ސިއްހީ ރައްކާތެރިކަމަށް އަޅަން ފެށި ފިޔަވަޅުތަކާއެކު ފާހަގަވި އެންމެ ބޮޑު ތަފާތަކީ ތަފާތު ބަލިތައް ފެތުރުން މަދުވުމެވެ. ގައިންގަޔަށް އަރާ ބަލިތައް ވެސް ބޮޑުތަނުން ދަށަށް ދިއުމެވެ. އެކި ކަހަލަ ވައިރަލް ރޯގާތައް ބޮޑުތަނުން މަދުވުމެވެ.

މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ގައިންގަޔަށް އަރާ އެކި ކަހަލަ ބަލިތައް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރާއި އެހެން އަހަރުތަކާ އަޅާބަލާއިރު ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ.

އެގޮތުން މިދިޔަ ތިން އަހަރާ އަޅައިބަލާއިރު ގައިންގަޔަށް އަރާ ބަލިތައް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަން ދަށެވެ. އެކި ކަހަލަ ރޯގާތަކާއި އެ ނޫން ވެސް ބަލިތައް ފެނުނަސް އެ ބަލިތައް ރިޕޯޓުކުރި އަދަދު ވެސް މަދެވެ.

މީގެ ސަބަބެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވީ، ގައިދުރުކަމާއި ބޭރުން ކެއުން މަދުކުރުމާއި ބޭރުތެރޭގައި އުޅުން މަދުވެ، ސާފުތާހިރުކަމަށް އިސްކަން ދިނުން ކަމަށެވެ. މި އާދަތައް އާންމު ދިރިއުޅުމުގައި ގެންގުޅުމަށް ޑޮކްޓަރުން އަބަދުވެސް ނަސޭހަތްތެރިވެ އެވެ.

ކޮވިޑާއެކު ސިއްހީ މާހިރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިރުޝާދު ދެއްވަމުން ގެންދެވި އެއް ކަމަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށާއި ގައިދުރު ކަމަށް އިސްކަން ދިނުމެވެ. މާސްކު އަޅައިގެން އުޅުމަށެވެ. އެކަން މިއަދު މިވަނީ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށްވެފަ އެވެ. ބައެއް މީހުންނަށް މިއަދު މާސްކު އެޅުމަކީ ތުރާލަކަށްވުރެ ފަސޭހަ އެކެވެ. މާސް އަޅައިގެން އުޅުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފި އެވެ.

"މާސްކު އަޅަން ފެށިފަހުން ރޯގާ ޖެހުން ކުޑަވެއްޖެ. އަސްލު މާސްކު އަޅައިގެން އަބަދުވެސް އުޅެންވީ. ކޮވިޑް ދިޔައީމަ ވެސް އަހަރެން އުޅޭނީ މާސްކު އަޅައިގެން،" ރޯގާގެ އުނދަގޫ ޖެހޭ ޒުވާނަކު ބުންޏެވެ.

އޭގެ އިތުރުން ގިނަ މީހުން އެއްވާ ތަންތަނަށް ދާން ޖެހިލުންވުމާއި ކައިރިކައިރީގައި ތިބުން މިވަނީ މަދުވާން ފަށައިފަ އެވެ. އަތް ދޮވުން އިތުރުވެއްޖެ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަލީގެ ނުރައްކާ އޮތްކަން އެނގި، އެކަމަށް ސަމާލުކަންދޭ މީހުން ގިނަ ވެއްޖެ އެވެ. ސިއްހީ ހޭލުންތެރިކަމަށް މަސައްކަތްކުރާ މީހުންވެސް މިއަދު މަދެއް ނޫނެވެ.

ކޮވިޑާއެކު އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުން މުޅި ދުނިޔެ ވެސް މި ވަނީ ފިލާވަޅު ލިބިގެންފަ އެވެ. ދިވެހީންވެސް މި ކަމުގެ ތެރެއިން ސިއްހީ ރަނގަޅު އާދަތަކެއް ދަސްކޮށްފި އެވެ. މި އާދަތަކަކީ ކޮވިޑު ނެތް ހާލަތަށްވެސް ފަހި ސިއްހީ ގޮތުން ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް ރަނގަޅު އާދަ ތަކެކެވެ. އާންމު ބަލިމަޑުކަމާއި ރޯގާތަކުން ސަލާމަތްވެ ތިބުމަށް މި ފިޔަވަޅުތައް ދާއިމީ ކޮށް އަޅައިގެން އުޅުމުން ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ. ދުޅަހެޔޮ ސިއްހަތަށް ފަހި ވާނެ އެވެ. ކޮވިޑު ދަސްކޮށްދިން މި އާދަ ތަކަކީ ހުރިހާ ގޮތަކުން ވެސް ބަރާބަރު އާދަތަކެކެވެ.