ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އަގުހުރި ފައިސާގެ އިނާމުތަކެއް ހުށަހަޅާފައިވާ އެ މުބާރާތް ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އިއްޔެގެ ނިޔަލަށެވެ.

ދިވެހި މީޑިއާގެ ގައުމީ ކެމްޕޭނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 10 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މުބާރާތުގައި ވީޑިއޯ އާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯ އާއި ފޮޓޯއެވެ.

އެ ގޮތުން ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަން ވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގަ އެވެ.

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ޖެހޭއިރު ފޮޓޯތައް ހުންނަންވާނީ JPG, JPEG or PNG ފޯމެޓްގަ އެވެ.

ދިވެހި މީޑިއާގެ ގައުމީ ކެމްޕޭނުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވަނަވަނަ އަށް ހޮވޭނީ މުބާރާތް ނިމޭއިރު އެންމެ ގިނަ ފޭސްބުކް ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯ ކަމަށް ވެސް ބުންޏެވެ.

އެ ކެމްޕޭނުން އިތުރަށް ބުނީ، މުބާރާތުގައި ބައިވެރި ކުރާ ތަކެތި، މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މި ކެމްޕޭނުގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. އަދި މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލާ ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގައި ކަމަށެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.

މި ދެ މުބާރާތުގެ ތެރެއިން ވީޑިއޯ މުބާރާތުގެ އެއްވަނަ ވީޑިއޯ އަށް 15،000ރ، 2 ވަނަ ވީޑިއޯ އަށް 10،000ރ އަދި 3 ވަނަ ވީޑިއޯ އަށް 7،000ރ ހުށަހަޅާފައިވެ އެވެ. އަދި 1 ވަނަ ފޮޓޯ އަށް 10،000ރ، 2 ވަނަ ފޮޓޯއަށް 5،000ރ އަދި 3 ވަނަ ފޮޓޯ އަށް 3،000ރ ލިބޭނެ ކަމަށް މީޑިއާގެ ގައުމީ ކެމްޕޭން ހަރަކާތުން ބުނެ އެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މީޑިއާގެ ގައުމީ ކެމްޕޭން ސްޓިއަރިން ކޮމެޓީގެ މެންބަރު، މިންހާ ފާއިޒު ރަޝާދު 7779456 އަށް ގުޅުމަށް ދިވެހި މީޑިއާގެ ގައުމީ ކެމްޕޭނުން އެދެ އެވެ.