އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން ޑޮލަރު ބޮންޑުގެ ފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ޖަމާކޮށްފި އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދިން މި ބޮންޑު ދިވެހި ސަރުކާރާ ރަމްޒީކޮށް ހަވާލުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެމްއެމްއޭގެ ތަރުޖަމާން މުހައްމަދު ނާސިހު "ވަން" އަށް މިއަދު ވިދާޅުވީ، ބޮންޑުގެ ފައިސާ މިދިޔަ މަހު 23 ވަނަ ދުވަހު އެ ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޝަރުތަކާ ނުލައި މި ފައިސާ ދީފައިވަނީ މާލޭގައި ހުންނަ އެސްބީއައި އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުންނެވެ. އަދި އެ ބޭންކުން މި ބޮންޑު ގަނެފައިވަނީ އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެނެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ތެރޭގަ އެވެ. އިންޓަރެސްޓް ރޭޓަކީ 3.5 ޕަސެންޓެވެ.
ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، މި ލޯނު ނަގާފައިވަނީ މާލޭގައި ހުންނަ އެސްބީއައި މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏަކަށް ނުވާނެ އެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެފަހަރު އަދާކުރަން ޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ