މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު، އޭގެ ކުރީ މަހާ އަޅައި ބަލާއިރު 51.4 މިލިޔަން ޑޮލަރު ނުވަތަ 9.4 ޕަސެންޓް އިތުރުވެ 599.2 މިލިޔަން ޑޮލަރަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 599.2 މިލިޔަން ޑޮލަރެވެ. ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިޔަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޔޫޒަބަލް ނުވަތަ ބޭނުން ކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 169.7 މިލިޔަން ޑޮލަރު ހުރި އިރު، އޮކްޓޫބަރު މަސް ނިމުނުއިރު މި އަދަދު ވަނީ 183.6 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 8.1 ޕަސެންޓްގެ ކުރިއެރުމެކެވެ.
ފާއިތުވި މަސްތަކަށް ބަލާއިރު، ޖޫން މަހު ބޭނުން ކުރެވޭ ރިޒާވްގައި 248.9 މިލިޔަން ޑޮލަރު ހުއްޓެވެ. ނަމަވެސް ޖުލައި މަހު އެ އަދަދު 221.9 މިލިޔަން ޑޮލަރަށް، އޮގަސްޓު މަހު 200.6 މިލިޔަން ޑޮލަރަށް، އަދި ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 169.8 މިލިޔަން ޑޮލަރަށް ވެއްޓިފައެވެ.
މިއަހަރު ފެށުނުގެ ފަހުން ރިޒާވް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާ އެކު މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް 1.3 ބިލިޔަން ޑޮލަރަށް މަތިކޮށްފައިވެއެވެ. ރިޒާވް ދަށްވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ފާހަގަ ކޮށްފައިވަނީ، އެޕްރީލް މަހުގެ ދައުލަތުން އަދާކޮށްފައިވާ ދަރަނިތަކެވެ. ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު، ދަރަނީގެ ގޮތުގައި ދައްކާފައިވާ އިރު، މި ދަރަނި ތަކަކީ އެކި ދުވަސް މަތިން ނަގައި މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ.
މިއަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 817.17 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މިއީ މިދިޔަ އަހަރު މި ނިޔަލަށް މިއަދަދު ހުރި މިންވަރާ އަޅައި ބަލާއިރު 16.9 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 984.6 މިލިޔަން ޑޮލަރުގައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް