މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެންމެ އުތުރުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ނޮވެންބަރު 20 އިން 22 އަށް ކުރިއަށްގެންދިޔަ މި ދަތުރުގައި ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި ހަރަކާތްތައް ހިންގިއެވެ. އެމްއެމްއޭއިން ބުނާ ގޮތުގައި މިހާ ފުޅާ ދާއިރާއެއްގައި އަތޮޅުތެރޭގެ ރަށްރަށުގައި މާލީ ތައުލީމާއި އިގުތިސާދީ ހޭލުންތެރިކަމުގެ ހަރަކާތެއް ހިންގި މިއީ ފުރަތަމަ ފަހަރެވެ. ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އާއިޝަތު އަސްނާ ހަމްދީ އަދި ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫގައި ތިން ހަރަކާތެއް ހިންގިއެވެ. ފުރަތަމަ ކުރިއަށްދިޔައީ ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކްލަބްހައުސް" ހަވީރެކެވެ. އެ ހަވީރުގައި ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލެއް ބެހެއްޓުމުގެ އިތުރުން، މާލީ މެސެޖުތައް ފޯރުކޮށްދޭ ގޮތަށް ފަރުމާކުރި ގޭމްސްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިޔައެވެ. ބީއެމްއެލް އާއި އެމްއައިބީގެ ބައިވެރިވުމާއެކު ބޭއްވި މި ހަވީރަށް ދިއްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެއަށްފަހު 20 ވަނަ ދުވަހުގެ ރޭ ޑެޕިއުޓީ ގަވަރުނަރު ކުރިއަށް ގެންދެވި ފޯކަސް ގްރޫޕް މަޝްވަރާއެއް ބޭއްވި އިރު، އެ ބައްދަލުވުމުގައި މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. ދިއްދޫގެ ހަރަކާތްތައް ނިމުނީ 21 ނޮވެންބަރުގައި އަހްމަދު ރިޒާ، ސްކޫލް ދަރިވަރުންނަށް ފައިސާ ގެންގުޅުމާއި ޒިންމާދާރު މާލީ ނިންމުންތައް ނިންމުމާ ގުޅޭގޮތުން ދެއްވި ސެޝަނާ ހަމައިންނެވެ.
ވަށަފަރުގައި ހިންގި ހަރަކާތްތައް އަމާޒުކުރީ ޑިޖިޓަލް ޕޭމަންޓާއި ބޭރު ފައިސާގެ ގާނޫނަށް އަހުލުވެރިކުރުވުމާއި އަންހެނުންގެ އިގުތިސާދީ ބައިވެރިވުން އިތުރުކުރުމަށެވެ. ޕޭމަންޓް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ޓްރާންސްފޮމޭޝަން މަރިޔަމް ޝިފާ، ފަވަރައާ ގުޅޭ ގޮތުންނާއި ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ޑެޕިއުޓީ ގަވަރުނަރުގެ ބެއްލެވުމުގެ ދަށުން އަންހެނުންނަށް ހާއްސަ ފޯކަސް ގްރޫޕް މަޝްވަރާއެއް ވެސް ބޭއްވިއެވެ. ވަށަފަރުގެ ހަރަކާތްތައް ނިންމާލީ ކުޑަކުދިންގެ ހަވީރަކުންނެވެ. މި ހަވީރު ކުރިއަށް ގެންދިޔައީ ވަށަފަރު ކައުންސިލާއި ފުލުހުންގެ ހިދުމަތާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ވައުދު ޖަމިއްޔާ އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބް ގުޅިގެންނެވެ.
ފިއްލަދޫ ސްކޫލްގައި ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު ބައިވެރިވެވަޑައިގެން ދަރިވަރުންނަށް މާލީ ހޭލުންތެރިކަމާއި އިގުތިސާދާ ގުޅޭ ސެޝަނެއް ހިންގެވި އިރު، ރާއްޖޭގެ އެކި ޒަމާންތަކުގެ ފައިސާ ފޮއްޗާއި ނޫޓުތައް ދައްކައިދޭ ކަރަންސީ ކޯނަރެއް ވެސް ބެހެއްޓިއެވެ. އުތީމުގައި ދަރިވަރުންނާއި އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ސެޝަންތައް ރޭވި އިރު، ކުޑައިރުއްސުރެ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކުރުމުގެ އާދަ އަށަގެންނެވުމުގެ މުހިންމުކަމާ ބެހޭގޮތުން އަހްމަދު ރިޒާ ވާހަކަދެއްކެވިއެވެ.
މުރައިދޫ ސްކޫލްގައި 22 ނޮވެންބަރުގައި ކުރިއަށްގެންދިޔަ ސެޝަންގައި ގަވަރުނަރު، ދަރިވަރުންނަށް ރާއްޖޭގެ އިގުތިސާދާއި ބޭންކިން ދާއިރާގެ ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން ވެސް އެ ސެޝަންގައި ހުށަހެޅުމެއް ގެނެސްދިނެވެ. ކެލާގައި ވެސް ގަވަރުނަރާއި އަހްމަދު ރިޒާ ގުޅިވަޑައިގެން ސްކޫލް ދަރިވަރުންނަށް އިގުތިސާދާއި މާލީ ދާއިރާއާ ގުޅޭ ގޮތުންނާއި ޒިންމާދާރު ހަރަދުކުރުމާ ގުޅޭ ގޮތުން ސެޝަންތައް ކުރިއަށް ގެންދެވިއެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހއ. ދަތުރަކީ ރަށްރަށުގައި މި ޕްރޮގްރާމް ފެށުމުގެ ފުރަތަމަ ބުރެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެޝަންތައް ކުރިއަށްގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. މިހާރު ވެސް ކޮންމެ އަހަރަކު މާލޭ ސްކޫލްތަކާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެމްއޭގައި މާލީ ދާއިރާއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިންގައެވެ.
ކޮމެންޓް