ޑރ. ހުސެއިން ރަޝީދު

ރާއްޖޭގެ ފަރުތަކުގައި 6 އިންސައްތަ އަދި ކުޅިތަކުގެ ދެބައިކުޅައެއްބައި ވަނީ ހިމާޔަތް ކުރެވިފައި: މިނިސްޓަރު

އަލީ ޔާމިން

ރާއްޖޭގެ ފަރުތަކުގެ ހައެއް އިންސައްތަ އާއި ކުޅިތަކުގެ ދެބައިކުޅަ އެއްބައި ހިމާޔަތްކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން މިފަދައިން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް (އދ)ގެ ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވާސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޮންލައިންކޮށް އިއްޔެ ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއް ކަމާށާއި ނަމަވެސް އައިޕީބީއީއެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކޮށްގެން ކަމަށާއި އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021ން 2030އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ގައުމުތަކަށް ގޮވާލާ ކަމަށެވެ. އެގޮތުން މިކަމަށް އިތުރަށް ތާއީދު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން މިހާރުވަނީ "ގްލޯބަލް އޯޝަން އޭލިއަންސް" އާއި ގުޅިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު އަންނަންވާއިރަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން ހަތް އަތޮޅުގައި މިކަންތައް ހާސިލުކޮށްފައިވާ ކަމަށެވެ. ބާކީ ހުރި އަތޮޅުތަކުގައިވެސް މިކަންތައް ހާސިލުކުރުމަށް މަސައްކަތްކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި 2025 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ފަރުގެ 10 އިންސައްތަ އަދި މެންގްރޫވްސްގެ 20 އިންސައްތަ ހިމާޔަތްކުރަން ހިމަނާފައިވާނެ ކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމުލަ 17 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ ހައެއް އިންސައްތަ އަދި މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިހާރު ވަނީ ހިމާޔަތްކުރެވިފައި ކަމަށެވެ. މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުންކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިއްމު ބޭނުން ހާސިލުވާނީ އޭރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވަސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމަކީ ދިރޭތަކެއްޗާއި ތިމާވެށި ހިމާޔަތްކުރުމާއި އާއްމު ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާއިވާ ގުޅުމުގެ މައްޗަށް ބަލައި، ގައުމުތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރު އެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.