ސަރުކާރުން ތަންފީޒު ކުރަނީ، ވަކި ޕާޓީއެއްގެ ސިޔާސަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރަނީ ކީއްވެގެންތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޒާހިރު މިނިސްޓަރާ މިއަދު ސުވާލު ކުރެއްވީ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވެގެން އުޅެނީ ކީއްވެތޯ، އާއި މަހަށް ހަމައަގު ނުދެވިގެން އުޅެނީ ކީއްވެތޯ، އާއި ގޭދޮށު މަސްފެކްޓްރީތައް ހުވަދު އަތޮޅުގައި ނޭޅިގެން އުޅެނީ ކީއްވެތޯ އާއި އެމްޑީޕީގެ ސިޔާސަތުތަކަަކްވާތީވެ، ކޯލީޝަން ސަރުކާރަކަށް އެކަންތައް ތަންފީޒު ކުރަން އުނދަގޫލީ ތޯއެވެ.
އެ ސުވާލުތަކުގެ ސިޔާސަތުތަކާބެހޭ ބަޔަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ތަންފީޒު ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެއީ ވަކި ޕާޓީއެއްގެ ސިޔާސަތުތަކެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީ ހިމެނޭގޮތަށް އުފެދިފައިވާ ކޯލީޝަން ސަރުކާރުގެ ސިޔާސަތުތައް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހުރިހާކަމެއް ކުރަމުން އަންނަނީ އެ ސިޔާސަތުގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއްކަން ޔަގީން ކޮށްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ.ހުސެއިން ރަޝީދު ހަސަން އަކީ ކުރީގައި އެމްޑީޕީގެ މެންބަރަކަށް ވިޔަސް މިހާރު އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސެވެ.