ހއ. ދިއްދޫގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް އޮޅުންފިލުވުމަށް، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑޮކްޓާ ހުސައިން ރަޝީދު ހަސަންއާ، ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރު ކުރެވުނީ އޮޅުކަމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން ސުވާލުގެ ވަގުތު ނިންމަވާލައްވައި މިނިސްޓަރު ފޮނުއްވައިލައްވައިފިއެވެ.
އެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައި ވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދު الله ވަހީދެވެ.
މަޖިލީހުގެ މިއަދުގެ ޖަސާގައި ވަޒީރުންނާ ސުވާލު ކުރަން ހަމަޖެހިފައިވާ ވަގުތުގައި، ވަޒީރު ހާޒިރު ކުރައްވައި، ސުވާލު ކުރެއްވުމުގެ ވަގުތު މެންބަރު އަބުދުﷲ ވަހީދަށް ދެއްވިއެވެ. އަދި އެ މެންބަރުގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ވަގުތުވެސް މަޖިލިސް ރައީސް ހުޅުވައިލެއްވިއެވެ.
އެވަގުތުގައި ގިނަ މެންބަރުންތަކެއް މިނިސްޓަރާ ސުވާލު ކުރެއްވިއެވެ. ނަމަވެސް، ސުވާލު ކުރުމުގެ ވަގުތުގެ ވަކި ހިސާބަކުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އެ މެންބަރު ވިދާޅުވީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދު الله ވަހީދު ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރެއްވުން އޮތީ ލިޔުމުން ޖަވާބު ދެއްވާގޮތަށް ކަމަށެވެ.
"އަޅުގަނޑަށް އޮޅުމެއެއް އެރީކަމަށްވެސް ވެދާނެ، އިއްޒަތްތެރި ރައީސް، އަބްދު الله ވަހީދު ދިއްދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ލިޔުމުންވެސް ޖަވާބު ދެއްވަން ޖެހޭނެކަމަށް އަޅުގަނޑަށް ފެންނަނީ، އެއީ 80 ވަނަ މާއްދާގެ ދަށުން ސުވާލު ކުރެއްވިކަމަށް މިއޮންނަނީ،"
މަޖިލިސް ގަވާއިދުގެ 80 ވަނަ މާއްދާއަކީ، މަޖިލިސް މެންބަރުން ވަޒީރުންނާ ލިޔުމުން ސުވާލު ކުރައްވައި، ވަޒީރު ލިޔުމުން ޖަވާބު ދެއްވުމަށް އޮންނަ މާއްދާއެކެވެ. އެ މާއްދާގައި ބުނާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވާކަށް ނުޖެހެއެވެ.
މެންބަރު ޝަރީފް ފާހަގަ ކުރެއްވި ނިޒާމީ މައްސަލައާ ގުޅިގެން، މަޖިލީހުގެ އަމީން އާއްމާ މަޝްވަރާ ކުރެއްވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ޝަރީފްގެ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށެވެ. ދެން ފިޝަރީޒް މިނިސްޓަރާ މުހާތަބު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑުމެނަށް އިއްޒަތްތެރި ވަޒީރު އަރިހުގައި ވަޑައިގެންނެވުމަށް ދެންނެވުނީ ގޯހުން،" ކަމަށެވެ.
މެންބަރު އަބްދު الله ވަހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރަށް ދަންނަވަން ޖެހޭނީ ލިޔުމުން ކަމަށާއި، މިއަދު އެކަންތައްތައް ހިނގައިދިޔައީ، އެކަން ދާންވީގޮތަށް ނޫން ކަމަށާއި، އެކަމަަށް ވަޒީރުގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެހިސާބުން ވަޒީރާ ސުވާލު ކުރުމުގެ ވަގުތުވެސް އަދި މަސައްކަތްވެސް ނިމުނީ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް