ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޕޯޓްސް ފިޝިން ކަނދުފަތި އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ދެ ތަނެއްގައި ކަނދުފަތި އަޅާފައިވާނެ ކަމަށާއި، މިއަހަރުގެ ކުރިއަށްއޮތް ތަނުގައި އެ ބާވަތުގެ އިތުރު ކަނދުފަތި އަޅާނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ.ހުސެއިން ރަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޝިޔާން މިނިސްޓަރާ ސުވާލު ކުރެއްވީ، ތޮއްޑޫ ދާއިރާއަކީ، ފަތުުރުވެރިކަމުގެ ދާއިރާގައި ގިނަ ގެސްޓުހައުސްތަކެއް ހުރި ދާއިރާއަކަށްވާއިރު، އެފަދަ ކަނދުފައްޗެއް ނެތުމުން ސްޕޯޓްސް ފިޝިންގެ ދާއިރާގައި އުޅޭ ޒުވާނުން ކަންބޮޑުވެފައިވާއިރު، ތޮއްޑޫ އާއި އުކުޅަހާއި ރަސްދޫ ކައިރީގައި ސްޕޯޓްސް ފިޝިން ކަނދުފަތި އެޅުމުގެ ކަންތައް ކުރިއަށްދާގޮތް އޮޅުން ފިލުއްވުމަށެވެ.
މިނިސްޓަރު ހުސެއިން ވިދާޅުވީ، ކ. ކާށިދޫ އާއި ހއ.މޮޅަދޫ ކައިރީގައި މިހާރު ސްޕޯޓްސް ފިޝިން ކަނދުފަތި އަޅާފައިވާ ކަމަށާއި، އެދިފައިވާގޮތަށް އެހެން ރަށްރަށަށްވެސް ކަނދުފަތި އަޅައިދޭނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކަނދުފަތި އަޅައިދޭނެ ކަމަށާއި، އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެހެން ސަރަހައްދު ތަގައިވެސް ކަނދުފަތި އަަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ ކަނދުފަތި އެޅުމުގައި ބަލަނީ، އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރާނެ ފައިދާ އާއި އެތަންތަނުގައި ގެސްޓްހައުސް ހުރި ވަރާއި އެފަދަ އެހެން ކަންތައްތަކަށް ކަމަށެވެ.
އެކި ސަރަހައްދުގައި ކަނދުފަތި އެޅުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި، މީގެ ދެމަސްކުރިން އެ ޕްލޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނި އެ ޕްލޭނާ އެއްގޮތަށް ކަމަށާއި، އެޕްލޭން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ޖެހޭނަމް ހިއްސާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.