މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން، "ނެކްޓަން" އާއި ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު (އެމްއާރުސީ) ގުޅިގެން ކުރިއަށްގެންދިޔަ ސާވޭ ކުރުމުގެ މިޝަންތަކުގެ ތެރެއިން ކަނޑުގެ 500 މީޓަރު އަޑިން ދިރުމުން ފުރިގެންވާ ސަރަހެއްދެއް ހޯދައިފިއެވެ.

ނެކްޓަންއިން މިއަދު ބުނީ، އެތަނަކީ މީގެ ކުރިން ދެނެގަނެވިފައިނުވާ ސަރަހައްދަކަށްވުން އެކަށީގެންވާ ކަމަށެވެ. ދިރުމުން ފުރިފައިވާ އެތަނަކަށް ދީފައިވާ ނަމަކީ "ދަ ޓްރެޕިން ޒޯން" އެވެ.

"ދަ ޓްރެޕިން ޒޯން" ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، އެފަދަ ތަނެއް ފެނިގެން ދިއުމަކީ ފާހަގަކޮށްލެވޭ ފަދަ ހޯދުމެއް ކަމަށެވެ. އަދި އެތަނުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި، ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރު ލިބޭ އާ މައުލޫމާތުތަކެއް،" ރައީސް ވިދާޅުވިއެވެ.

ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް ޕްރޮފެސާ ލޫސީ ވުޑޯލް ވިދާޅުވީ، މިޝަންގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކާއި އަޑިއަށް ދަތުރުކުރި ސަމްބާސިބަލްތަކުން ނަގާފައިވާ ސާމްޕަލްތަކާއި ސާވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގި ސޯނާ މެޕިން މަސައްކަތުން ދައްކައިދެނީ އެ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ދިރުންތައް އުޅެމުންދާ މަންޒަރު ކަމަށެވެ.

"ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ނުވަތަ 'ސަބްސީ ލޭންޑްސްކޭޕް' ގައި ތާށިވެފައިވާ އެކި ބާވަތްތަކުގެ ކުދި ދިރުންތައް ނުވަތަ 'މައިކްރޯ ނެކްޓަން' ކައި ހެދުމަށް މިޔަރާއި އެނޫންވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭކަން،" އޭނާ ވިދާޅުވިއެވެ.

ނެކްޓަންއިން ބުނީ ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި މަރުވެފައިވާ ދިރުން "ފޮސިލައިސްޑް ކާބަން" ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައިވުމަކީ މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ.

މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތު ފުންކަނޑަށް ދިއުމަކީ ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ކަމަށް ނެކްޓަންއިން ބުންޏެވެ. ރައްކާތެރި ފުން ސަރަހައްދަށް ހިޖުރަ ނުކުރެވި ތާށިވާ މައިކްރޯ ނެކްޓަންތައް ވެގެންދާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަށް ކަމަށް ނެކްޓަންއިން ބުންޏެވެ.

އެމްއާރުސީގެ އިންސްޓިޓިއުޓުގެ ޑިރެކްޓާ ޖެނެރަލް، ޝާފިޔާ ނައީމް ވިދާޅުވީ ރާއްޖެއިން ވަރަށް ފުޅާ ދާއިރާއެއްގައި ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރު ދިރާސާކުރާ ކަމަށެވެ. ނަމަވެސް ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާ ބެހޭ މައުލޫމާތު ދެނެގަނެވިފައި މިވަނީ ނެކްޓަން މޯލްޑިވްސް މިޝަނުން ކަމަށެވެ.

"މި ދިރާސާގައި ފެމުނާއި، މަޑުމިޔަރާއި، ދަތްގަނޑު މިޔަރާއި، ކަށިމިޔަރާއި، ކާލިގަނޑު މިޔަރާއި، އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއް ކަމަށްވާ 'ބްރެމްބަލް ޝާކް' ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައި،" ޝާފިޔާ ވިދާޅުވިއެވެ.

ނެކްޓަން މިޝަންގައި ބައިވެރިއެއްކަމަށްވާ ޕްރޮފެސާ އެލެކްސް ރޮޖާސް ވިދާޅުވީ އަލަށް ފެނުނު "ދަ ޓްރެޕިން ޒޯން" ގައި މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތައް އެކުލެވިގެންޗާ ކަމަށެވެ. އަދި "ދަ ޓްރެޕިން ޒޯން" ގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ މާހައުލެއް އުފެދިފައި ހުރެދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖެފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި އެފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއްކަމަށް އެލެކްސް ރޮޖާސް ވިދާޅުވިއެވެ.

މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަހައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ގައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓާތަކާއި އެ ތާށިވުން މީގެ ކުރިން ގުޅުވިފައިނުވާކަމަށް ނެކްޓަންއިން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މުރަކައިން އުފެދިފައިވާ މި ރާއްޖެ މިހާރު ދަނީ އިންސާނުންގެ ހަރަކާތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ބިރުވެރިކަމާ ކުރިމަތިލަމުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ދެމިއޮތުމަށްޓަކައި ސައިންސްގެ އަލީގައި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

"މި ރީތި ޖަޒީރާ ގައުމުގެ އުފެދުމުގެ މާޒީ ލިޔެފިވައި މިއޮތީ އަޅުގަނޑުމެންގެ ރަށްތަކުގެ އަޑީގައިވާ އާނުގަނޑުތަކުގައާއި ފުންކަނޑުތަކުގައި އުޅޭ ދިރުންތަކުގައި. މި މިޝަންގައި ކުރެވޭ ސައިންޓިފިކް މަސައްކަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކަނޑުތަކުގައިވާ އަގުހުރި ވަސީލަތްތައް ދެމެހެއްޓުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނެކްޓައިން ބުނީ ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މައުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯޑްގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓާސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާޓްނަރުންގެ ލެބޯޓަރީތަކުގައި މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ދިރާސާގެ ނަތީޖާތަކަކީ ރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށްވެސް ފައިދާކުރާނެ މައުލޫމާތުތަކެއް ކަމަށާއި މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް އެ މައުލޫމާތު މުހިންމު ކަމަށް ނެކްޓަންއިން ބުންޏެވެ.

ނެކްޓަންއިން ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދިރާސާ 35 ދުވަހަށް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. ދިރާސާގެ މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1،000 މީޓަރު އަޑިއަށް ސާވޭ ކުރާނެއެވެ. މިއީ ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ކުރާ އެންމެ ބޮޑު މަސައްކަތެވެ.

އެ ދިރާސާގެ ތެރެއިން ނެކްޓަންއިން ވަނީ ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯރަހަ" ތިލައިގެ ސަރަހައްދު މެޕުކޮށް، އެ ފަރުބަދައިގެ ބޮޑުމިން ހޯދައިފައެވެ. މިއީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދައެއް ފުރަތަމަ ފަހަރަށް، ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް މެޕުކޮށް ޑޮކިއުމެންޓު ކުރި ފަހަރެވެ.

ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކޮށްގެން އެޓީމުން ކުރި ސާވޭއިން އެނގުނު ގޮތުގައި، އެ ފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގައެވެ. ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުންނަ އިރު، ފުންމިނުގައި 1،500 މީޓަރު ހުރެއެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ ވަށަމިނަށްވުރެ 8 ގުނަ ބޮޑެވެ. އެ ފަރުބަދަ މެޕްކުރުމަށް ނެކްޓަންއިން ބޭނުންކޮށްފައިވަނީ މަލްޓި ބީމް މެޕިން ޓެކްނޮލޮޖީއެވެ.

ނެކްޓަންގެ ކުރީގެ މިޝަންތަކުން ވެސް ވަނީ އެތަކެއް އާ ސައިންޓިފިކް މައުލޫމާތު ހޯދައިފައެވެ. އެގޮތުން ނެކްޓަން އިން ބާމިއުޑާގައި 2016 ވަނަ އަހަރު ހިންގި އެކްސްޕެޑިޝަންގައި ވަނީ ވަރަށް ފަނޑުކޮށް އަލި ލިބޭ ސަރަހައްދުން "ރަރިފޯޓިކް ޒޯން" ނަމަކަށް ކިޔާ އާ އިކޯސިސްޓަމެއް ކަނޑުގެ ސަތަހައިގެ 120 މީޓަރާއި 300 މީޓަރާ ދެމެދު އޮންނަކަން ކަށަވަރުކޮށްފައެވެ.