ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިމާވެއްޓަށް އިހުތިރާމް ނުކުރާނަމަ ކޮވިޑްފަދަ އިތުރު ބިރުވެރި ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭނެ: ރައީސް

ތިމާވެއްޓަށް ކަމޭ ނުހިތައިފިނަމަ ކޮވިޑް-19 ފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ރައީސް ސޯލިހު މި އިންޒާރު ދެއްވީ އިއްޔެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ވާޗުއަލްކޮށް ބޭއްވި އދ. ގެ ބަޔޯޑައިވާސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފެތުރުނު ބައްޔެއް ކަމަށާއި އެ ބައްޔަށް އިންސާނުން ހުށަހެޅިގެން ދިޔައީ ވެސް ގުދުރަތުގެ މިންތަކަށް ކަމޭނުހިތުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ގުދުރަތުގެ މިންތަކާއި އިންތަކަށް ސަމާލުކަން ނުދީފިނަމަ މިފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި އެވެ. ރައީސް އިތުރަށް ވިދާޅުވީ އިންސާނުންގެ ހަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ދުވަސްވަރުގައި ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ސިއްހަތު ބިނާވެފައިވަނީ އިންސާނުންނަށް ލިބިފައިވާ ސައިޓިފިކް އިލްމާއި ޓެކްނޮލޮޖީގެ ބޭނުން ހިފާގޮތުގެ މައްޗަށް ކަމަށެވެ.

އެގޮތުން މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ބަޔޯޑައިވާސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ އަހަރަކު އަށް މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާތީ އެމަނިކުފާނު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުންދާތީ އެކަން ހުއްޓުވުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.