ލިއޮނަލް މެސީ ހިތްހަމަ ޖައްސަން އެންމެ މޮޅު ބޭހަކީ އަބަދުވެސް މޮޅުވާން މަސައްކަތްކޮށް، މޮޅުވުން ކަމަށް ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޯމަން ބުނެފިއެވެ.
ބާސާއާއި ކްލަބުގެ ކެޕްޓަން މެސީއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ކްލަބާއެކު ސުލްހަވާން ބޭނުންވާ ކަމަށް މެސީ ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ކޯޗު ކޯމަން ވަނީ މީޑިއާގައި ވާހަކަވެސް ދައްކައިފައެވެ.
"މެސީގެ ވާހަކަތަކާއި ގުޅިގެން އަހަރެން ރިއެކްޓް ކުރަން ޖެހޭނީ މަޑުމަޑުން ހުރެގެންކަން ގަބޫލުކުރަން. މެސީއާ ކްލަބާ ދެމެދު މައްސަލަތައް ބޮޑުވެގެން ދިޔަ ނަމަވެސް މެސީގެ ފަރާތުން ފެނުނީ ޕޮސިޓިވް ކަންކަން. ކްލަބާއެކު ސުލްހަވާން ބުނުމަކީވެސް ކެޕްޓަންގެ ފަރާތުން ފެނުނު ރަނގަޅު ކަމެއް،" ކޯމަން ބުނެފައި ވެއެވެ.
މިދިޔަ ސީޒަން ނިންމާލުމަށްފަހު މެސީ ވަނީ ރަސްމީކޮށް ބާސާ ދޫކޮށްލަން އެދިފައެވެ. މެސީ އެދިފައިވަނީ އޭނާއާއެކު ބާސާ އިން ވެފައިވާ ކޮންޓްރެކްޓު އުވާލަ ދިނުމަށެވެ. އެކަމަށް ބާސާގެ ރައީސް ޖޯސެފް ބާޓެމިއޫ ދެކޮޅު ހަދާފައިވާ އިރު، އޭނާ ވަނީ މެސީއަށް ގާނޫނީ ގޮތުން ވެސް ހުރަސް އަޅައިފައެވެ. މެސީގެ ރިލީސް ފީއަކީ 700 މިލިއަން ޕައުންޑެވެ. ބާސާއިން ކޮންޓްރެކްޓް އުވާލަން ދެކޮޅު ހެދުމުން، ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭއިން ސަލާމަތްވެ، އެ އަދަދު ދެއްކޭނެ ކްލަބެއް ޔޫރަޕުގައި ނެތެވެ.
އެ ކަންތައްގަނޑު ތެރެއިން މެސީގެ އެންމެ ގާތް އެކުވެރިޔާ ސުއަރޭޒް ދޫކޮށްލަން ބާސާއިން ނިންމާފައިވާ ނިންމުމާއި، ސުއަރޭޒްގެ ޓްރާންސްފާއާ މެދު ބާސާގެ ރައީސް ކަންކުރި ގޮތަށްވެސް މެސީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ސުއަރޭޒް ބާސާ އިން ފޮނުވާލުމާ ގުޅިގެން މެސީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސުއަރޭޒަކީ ކްލަބުގެ ތާރީހުގައި މުހިންމު ކުޅުންތެރިއެއް ކަމަށާއި އެއަށްވުރެ ރަނގަޅު ވަދާއެއް ދޭން ޖެހޭ ކަމަށެވެ. ބާސާގެ ރައީސްގެ ނިންމުން ބަލައިނުގަންނަ ކަމަށާއި މިހާރު އޮތް ބާސާގެ ބޯޑުން ނިންމާ ކަންކަމަށް އިތުރަށް ހައިރާން ނުވާ ކަމަށް ވެސް މެސީ ބުންޏެވެ.
އެ ހުރިހާ ކަންކަމާ ގުޅިގެން މެސީއާ ބާސާއާ މައްސަލަތަކެއް ދިމާވެފައި އޮތުމަކީ ޓީމާ ހަވާލުވި ކޯޗު ކޯމަންއަށް ކުރިމަތިވި އެންމެ ބޮޑު ގޮން ޖެހުމެވެ. ޖުމްލަ ހަ ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ މެސީގެ ހިތްހަމަ ޖެހުމާ ބާސާގެ ކުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، ކޯމަން ބުނެފައި ވަނީ މެސީއަށް އެންމެ އެކަށޭނެ ގޮތަށް ޓީމު ބައްޓަން ކުރުމަކީ އޭނާ ކުރާނެ މުހިއްމު ކަމެއް ކަމަށެވެ.
"ކޯޗެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފެންނަނީ މެސީގެ ކުޅުން އެންމެ ފުރިހަމައަށް ދެއްކޭނެ ފޯމިއުލާއެއް ހޯދުން. އެގޮތް ހޯދުމަށް ތަމްރީނުތަކުގައިވެސް އަންނަނީ މަސައްކަތް ކުރަމުން. މެސީ ތަމްރީނުތަކުގައިވެސް، މެޗުގައިވެސް ކުޅޭނީ މޮޅުވާން. އެއީ މެސީގެ އެންމެ މުހިއްމު ގޯލަކީ. އެ ބަދަލެއް ނުވާނެ. އެހެންވީމަ މެސީ ހިތްހަމަ ޖައްސައިދޭން ކޮށްދެވޭނެ ކަމަކީ، އޮތް އެންމެ މޮޅު ބޭހަކީވެސް ހަމަ މޮޅުވުން،" ކޯމަން ފާގަހަކުރިއެވެ.
މެސީ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މި ސީޒަން ނިންމައި ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ބާސާއާއެކު ސުލްހަވުމަށް މެސީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަތަން އެބަ ފެނެއެވެ. ކޯޗު ކޯމަންއަށް އޮތް އެންމެ ބޮޑު މަސައްކަތަކީވެސް ބާސާގެ އެތެރޭ ކޯޅުމެވެ. ބާސާއިން ލަލީގާގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވީ މެސީގެ ގޯލާވެސް އެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު