ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މާލޭގެ ކީސްޓޭޖު ހަތަރެއް އާއި ފަހެއް (12،11،10,9)ގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފަށަން ހަމަޖައްސާފައިވާ އިރު، އެކަމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެ ނިމިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ހުން ބެލުން ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާއިން ފަށައިގެން މި ބަދަލަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ކޮވިޑް ނެތް ރަށްރަށުގައި ކިޔަވައިދޭ ގަޑިތައް އިތުރުކުރަން ނިންމާފައި. އަޅުގަނޑުމެން ކުރިން ކިޔަވައިދޭނީ ސެޝަންއަކަށް ހަތަރު ގަޑިއިރު. ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު އަތޮޅުތެރޭގެ ސްކޫލުގައި އެބަ ހުޅުވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލަށް ނުދެވި ތިބުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
"ދަރިވަރުންގެ ލާނިން ލޮސް ވަރަށް ބޮޑަށް ދަށްވޭ. މިސާލަކަށް މެތެމެޓިކް ސްކިލްސް ވަރަށް ބޮޑަށް ދަށަށް އެބަދޭ، ގިނަ ދުވަސްތަކަކަށް ދަރިވަރު ސްކޫލަށް ނުގޮސް ހުރީމަ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލުތައް ބަންދުކުރީ މިދިޔަ މާޗު މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ. ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދޭން ފެށި ނަމަވެސް، ކޮވިޑްގެ ހާލަތު ގޯސްވުމުން 11، 12ގެ ދަރިވަރުން ފިޔަވައި އެހެން ދަރިވަރުންނަށް އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު