މިދިޔަ 24 ގަޑިއިރު ތެރޭ 97 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 10،291 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެއްސަކާއި 55 ބިދޭސީން ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި އައްޑޫ ސިޓީގައި އަޅާ ޕޮލިސް އެކެޑަމީގެ މަސައްކަތަށް ކޮޗިން އިން އައި 44 މީހަކު ހިމެނެއެވެ. އޭގެ އިތުރުން މިއަދު ހަވީރު 6:00 އަށް ފަހު އިތުރު ނުވަ މީހަކު ވެސް ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން މިހާތަނަށް އެ މަސައްކަތަށް އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 53 އަށް އަރައިފައެވެ. ނަމަވެސް ފަހުން ޕޮޒިޓިވްވި ނުވަ މީހުންގެ ހިމެނޭނީ މާދަމާގެ ކޭސްތަކުގެ އަދަދުތަކުގެ ތެރޭގައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 71 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 9108 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1142 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 585 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 75 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައެވެ. އެއީ 28 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު