މި ގައުމުގެ ތެރެއަށް އަތް ބާނަން ބޭނުންވާ ބޭރުގެ ބަޔަކު އެބަތިބި ކަމަށާއި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރީ އެފަރާތްތަކަށް އެކަން ނުވުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ގައުމު ކުރިއެރުވުމަށް ވަރަށް ގިނަ މުހިންމު ހިދުމަތްތަކެއް ރައީސް ޔާމީން ކޮށްދެއްވި ކަމަށާއި މިއަދު ގައުމުގެ ކަންތައްތައް ކުރިއަށްދާގޮތުން ރައީސް ޔާމީންގެ ހިދުމަތް އިންތިހާއަށް ބޭނުންވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ބޭރުގެ ބަޔަކު މި ގައުމުގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށާއި އެކަން ކާމިޔާބުނުވީ ރައީސް ޔާމީންގެ ސަބަބުން ކަމަށެވެ.

"މިއީ ރައީސް ޔާމީންގެ ވެރިކަން ބޭރުގެ ފަރާތްތަކުން ބަދަލުކޮށްލަން ބޭނުންވި ސަބަބު. މިގައުމުގެ ސިޔާދަތާއި މި ގައުމުގެ ތެރެއަށް އަތް ބާނަން ބޭނުންވާ ބަޔަކު އެބަތިބި. އެ ފުރުސަތު ނުދެއްވޭނެ ވަރުގެ ލީޑަރެއް ދިވެހި ޒައާމަތުގައި ހުންނަވަން ޖެހޭނީ،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވޯޓް ނުދެއްވާ ވަރަށް ގިނަ ބޭފުޅުން މިއަދު ހިތާމަކުރާ ކަމަށާއި ރައީސް ޔާމީން ވެރިކަމުގައި މިއަދު ހުންނެވި ނަމަ ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޝަހީމް ވިދާޅުވީ މި ވަގުތަކީ މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާއި މިވަގުތަކީ ހިތްވަރު ގަދަކޮށް އެކުވެރިކަމާއެކު ތެދުވާންޖެހޭ ވަގުތު ކަމަށެވެ. އަދި ގައުމު މިހާރު މި ވެއްޓިފައިވާ ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިއުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު އިގުތިސޯދީ ގޮތުންވެސް ގައުމު މިއޮތީ ވަރަށް ނިކަމެތި ހާލަތެއްގައި. މި ހާލަތުން ދިވެހި ރައްޔިތުންނަށް އަރައިގަނެވޭނީ ދިވެހި ރައްޔިތުން އެކުވެރިވެގެން. ދިވެހި ރައްޔިތުންގެ މިހާލަތުން އިތުރު ހާލަތަކަށް ދިވެހި ދައުލަތް ގެންގޮސްދެވޭނެ ގާބިލިއްޔަތުކަން ހުރީ ޕީޕީއެމް/ޕީއެންސީގައި،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ވަރަށް އަވަހަށް ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ތަސައްވުރުތައް 2013 ގައި ބޭނުންވި ވަރަށްވުރެވެސް ބޮޑަށް މިހާރު ބޭނުންވެފައިވާ ކަމަށެވެ.