އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލް ގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އިއުތިރާފުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. ނަމަވެސް އެ ހަތް ދައުވާގެ ޝަރީއަތް އެ ކޯޓުގައި އަލުން ފަށާފައި މިވަނީ، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ.
އެގޮތުން މިއަދުގެ ޝަރީއަތުގައި ދައުވާތައް ހުށަހެޅުމަށް ދައުލަތުން ތިން ގަޑިއިރެއްހާއިރު ހޭދަކުރި އެވެ. ދައުލަތުން މިފަހަރު ވެސް ދައުވާތައް ހުށަހަޅާފައިވަނީ، އަދީބާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެގޮތުން ދައުވާތައް ހުށަހަޅާ ނިމުމުން އިއުތިރާފު އެއްބަސްވުން އެކުލަވާލާފައިވަނީ ކޮން އަސާސެއްގެ މައްޗަށްތޯ ގާޒީ ހަސަން ސައީދު ދައުލަތާ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް
ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ.
ދައުވާ ރައްދުވާ ފަރާތުން، ދައުލަތާއި ޕްރޮސިކިއުޓާ ޖެނެރަލްއަށް ހުށަަހަޅައި ވާހަކަދައްކައިގެން އެފަދަ އެއްބަސްވުމެއް އެކުލަވާލެވިދާނެ ކަަމަށް އެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ދައުލަތުން އެ ހަތް ދައުވާ ހުށަހެޅުމުން، ޖަވާބުދާރީވުމަށް ފަނޑިޔާރު ދެއްވި ފުރުސަތުގައި އަދީބު ވިދާޅުވީ އެ ހަތް ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.
އަދީބު ވިދާޅުވީ، އެ މައްސަލަތަކަށް އިއުތިރާފުވީ ޖަލުގައި ހޭދަކުރި ދުވަސްވަރު އެކަމާމެދު ވިސްނުމަށްފަހުގައި ކަމަށާއި ދައުވާތަކަށް އިއުތިރާފުވީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި ހަމަ ވިސްނުމުގައި ހުންނަވައިގެން ކަމަށެވެ.
މި މައްސަލައިގައި ކުރީ ސަރުކާރަށް އެއްބާރުލުން ނުދެއްވީ އަދީބު ވިދާޅުވި ގޮތުގައި އޭރު އޭނާގެ މައްޗަށް ހުރިހާ ކަމެއް އަންނަ ގޮތަށް ދެތިން މީހަކާ ހިސާބަށް އެ މައްސަލަތައް ކުރިއަށް ގެންދިއުމަށްފަހު ނިންމާލަން އޭރު އޮތް ސަރުކާރުން ނިންމާފައިވާތީ އެވެ. ނަމަވެސް މިހާރު އެއްބާރުލުން ދެއްްވަން ނިންމެވީ، އަދުގެ ސަރުކާރުން އެ މައްސަަލަތައް އިންސާފުވެރިކަމާއެކު ހެޔޮ ނިޔަތުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީކަން އޮތުމުން ކަމަށް ވިދާޅުވި އެވެ.
އަދީބު އިތުރަށް ވިދާޅުވީ، މި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ސަރުކާރަށް ދެމުން ގެންދާނެ ކަމަށާއި އޭނާގެ އެއްބާރުލުމާ ނުލައި ނުލިބޭނެ މައުލޫމާތު ވެސް ހުންނާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ލިބެންޖެހޭކަން ފާހަގަކުރައްވައި އަދީބު ވަނީ، އޭނާ އިސްތިސްނާ ނުވާނެ ގޮތަށް އެކަމުގައި ބައިވެރިވާ އެންމެންނަށް އިންސާފު ލިބިގެންދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު