އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ޓޮޓެންހަމްއިން ޗެލްސީ ބަލިކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ޗެލްސީ ބަލިކޮށް ޓޮޓެންހަމްއިން ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފައެވެ.
ރޭގެ މެޗަށް ދެޓީމުންވެސް ނެރުނީ ލީގު މެޗުތަކާ ކޮންމެވެސް ވަރަކަށް ތަފާތު ފުރަތަމަ 11 އެކެވެ. ޗެލްސީން ކައި ހަވާޓްސްއާއި ކާންޓޭ އަދި ތިއާގޯ ސިލްވާ ވެސް މިރޭގެ ފުރަތަމަ 11 އަށް ނެރެފައި ނުވާއިރު، ޓޮޓެންހަމްއިންވެސް ކޭންއާއި ލޫކަސް މޯރާވެސް ކުޅެން ނެރުނީ ދެވަނަ ހާފްގައެވެ. ޗެލްސީން ބެން ޗިލްވެލް މިރޭގެ މެޗަށް ނެރުނުއިރު، އެޓީމުގެ ގޯލް ބެލެހެއްޓީ މި ސީޒަނަށް ޓީމާ ގުޅުނު މެންޑީއެވެ.
މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް، ހަމަލާތައް އުފެއްދީ ޗެލްސީންނެވެ. ހާފްގެ ފުރަތަމަ 20 މިނެޓް ތެރޭގައި ޗެލްސީން ވަނީ ލީޑުވެސް ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ފޯވަޑް ޓީމޯ ވާނާއެވެ. އެއީ ވާދަވެރި މެޗެއްގައި ވާނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަރިމަތިން އަޒްޕިލިކުއެޓާ ނަގައިދިން ހުރަސް ވާނާ ގޯލަށް ވައްދާލީ އޭރިއާ ތެރޭގައި ކޮންޓްރޯލް ކޮށްލުމަށްފަހު، ވަރަށް ބަލައިލައިފައި ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ޗެލްސީން ފުރަތަމަ ހާފްގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މޮރީނިއޯ ވަނީ ދެވަނަ ހާފަށް ގޭމް ޕްލޭން ބަދަލުކޮށް، ޗެލްސީގެ މައްޗަށް ގަދަވެގަނެފައެވެ. ގިނަ ޕާސްތަކެއް ޖަހައި އަރިމަތިން ރަނގަޅު ހަމަލާތަކެއް ޓޮޓެންހަމްއިން އުފެއްދިއިރު، މި ސީޒަނަށް ކްލަބާ ގުޅުނު ރެގުލޮން ވަނީ ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ދައްކައިފައެވެ. އޭނާގެ ދެ ހަމަލާއެއް ޗެލްސީ ގޯލްކީޕަރު މެންޑީ ދިފާއުކުރިއިރު، މެޗު ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ޖެހި ގޯލަކީ ރެގުލޮންގެ ހުރަހަކުން ލަމޭލާ ކާމިޔާބުކޮށްދިން ގޯލެކެވެ.
ޕެނެލްޓީގައި ޓޮޓެންހަމްގެ ފަސް ޕެނެލްޓީވެސް ކާމިޔާބު ވެފައިވާއިރު، ޗެލްސީއަށް ޕެނެލްޓީ ނާކާމިޔާބުކޮށްލީ ފަހު ޕެނެލްޓީ ޖަހަން ދިޔަ މޭސަން މައުންޓެވެ. އޭނާ ޖެހި ޕެނެލްޓީ އަރިމަތީ ދަނޑީގައި ޖެހުމަށްފަހު ދިޔައީ ބޭރަށެވެ.
މި ސީޒަނަށް ގިނަ ޓްރާންސްފާތަކެއް ކޮށް، ޗެލްސީން ވަރުގަދަ ޓީމެއް އުފައްދަން މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ސީޒަންގައި ކުޅުނު އެއްވެސް މެޗެއްގައި އެޓީމުގެ އެންމެ ރަނގަޅު ކުޅުން ފެނިފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ވެސްޓް ބްރޮމް އާއެކު ކުޅެ 3-3 އިން އެއްވަރުވިއިރު، އެ މެޗުގެ ފުރަތަމަ ހާފްގައި ވެސްޓް ބްރޮމްއިން ވަނީ ޗެލްސީ ކޮޅަށް ތިން ގޯލް ޖަހާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު