ލިވަޕޫލް

ތިއާގޯ އަލްކަންޓަރާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިސީޒަނަށް ލިވަޕޫލާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއޭގޯ އަލްކަންޓަރާ ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްކަންޓަރާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިވަގުތު އޭނާ ހުރީ އެކަހެރިވެގެން ކަރަންޓީނުގައި ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަލްކަންޓަރާގެ ފަރާތުން ކޮވިޑުގެ ބައެއް އަލާމާތްތައް ފެނުނު ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"ކޮންމެ ކުޅުންތެރިއެއްގެ ވެސް އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް އެ ކުޅުންތެރިއެއްގެ ކޮވިޑް 19 ޓެސްޓުގެ ނަތީޖާ އާންމުކުރުމަކީ. ކަނޑައެޅިފައިވާ ހުރިހާ އުސޫލަކާ އެއްގޮތަށް އަލްކަންޓަރާއާއި ލިވަޕޫލުން މިހާރު ވަނީ އަމަލުކޮށްފައި. އުންމީދަކީ ތިއާގޯ ވީ އެންމެ އަވަހަކަށް ދަނޑުމައްޗަށް ނުކުތުން،" ލިވަޕޫލްގެ ޓީމް ޑޮކްޓަރު ޑރ. ޖިމް މޮޒޮން ވިދާޅުވެފައިވެއެވެ.

ބަޔާން މިއުނިކުން ލިވަޕޫލާ ގުޅުނު އަލްކަންޓަރާ ވަނީ އޭނާ އިނގިރޭސިވިލާތަށް ދިޔަ ފުރަތަމަ ހަފުތާގައި ލިވަޕޫލާއި ޗެލްސީ ވާދަކުރި މެޗުގައި ކުޅެފައެވެ. އޭގެ ފަހުން ލިވަޕޫލުން ލީގު ކަޕްގައި ކުޅުނު މެޗުގެ އިތުރުން ރޭ އާސެނަލްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައިވެސް އަލްކަންޓަރާ ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗުގައި އޭނާ ނުފެނިފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ލިވަޕޫލުން އަންނަ ބުރާސްފަތި ދުވަހު ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ނުކުންނަ އިރު، އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ލީގުގައި އަންނަ އާދީއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށްވެސް ލިވަޕޫލް ނުކުންނާނެއެވެ. ބެލެވޭ ގޮތުގައި މި ދެމެޗުގައި ވެސް އަލްކަންޓަރާ ނުފެންނާނެއެވެ.