ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ޅ. އަތޮޅުން ހިމާޔަތްކުރުމަށް ނިންމި ސަރަހައްދުތަކަކީ، ޅ.މާގަނދު (އެނިމޮނީ) ތިލައާއި ޅ.ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ.މާކޯއާއި ޅ.ވައްވަރާއި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދުގެ އިތުރުން ޅ.ދަށުގިރި ފިނޮޅު ސަރަހައްދެއެވެ.
އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ރައީސް ސޯލިހު ނިންމެވީ، އިއްޔެ މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންނާއެކު މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ރައީސް އޮފީހުން ބުނީ، މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތައް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ފާދިއްޕޮޅުގެ ދެ ސަރަހައްދެއް މީގެ ކުރިން ހިމާޔަތްކޮށްފައިވާ ކަމަށެވެ. އެއީ 1995 ސެޕްޓެންބަރު 27ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއްދޫ އެކްސްޕްރެސް) ސަރަހައްދުކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ، އެ ސަރަހައްދުތައް ހިމާޔަތްކުރުމުން އެކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ލިބުމާއެކު އެކޯ ޓޫރިޒަމާއި އިންޓަގްރޭޓެޑް ޓޫރިޒަމާއި ދިރުން ހުރި އިގުތިސޯދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު މިހާރުވަނީ ހިމާޔަތްކޮށްފައެވެ.
ޅ. އަތޮޅު
ޅ. އަތޮޅު
ޅ. އަތޮޅު
ޅ. އަތޮޅު