މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މިހާރު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. އާއި ހދ. އަދި ށ. އަތޮޅާއި ގއ. ގދ. އައްޑޫގެ އިތުރުން ޅ. އަތޮޅުގައެވެ.
އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަބްދުﷲ ޒިޔާދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ހިދުމަތުގެ ދަށުން އެންމެ އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ދެވަނަ ފޭސްގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އުނޅަނދުތައް ބަނުމަށް ހަވާލުކުރެވިފައި ހުރި ފަރާތްތަކާ އެކީގައި ހަދާފައިވާ އެގްރީމަންޓަށް އެންމެ ފަހު ވަގުތު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"އެ ބައެއް ބަދަލުތަކަކީ ޕޭމަންޓް ޓާމްސްއަށް ގެނެސްފައި ހުރި ބަދަލުތަކުގެ ސަބަބުން އޮން ޑެލިވަރީގައި ޕޭ ކުރާގޮތަށް،" އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި ސަރުކާރާ ހަވާލުވުމަށް ފަހު ވެސް ރައީސް ވަނީ ހިނގަމުންދިޔަ ޕްރޮޖެކްޓްތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށާއި ކުރީ ސަރުކާރުން ވިޔަސް، ރައްޔިތުންނަށް ވެފައިވާ ވައުދަކަށް މި ސަރުކާރުން ބަދަލެއް ނުގެންނާނެ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރައްވާނީ ވެފައިވާ ވައުދުތައް އިތުރަށް ފުރިހަމަކޮށް ކުރިޔަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ކުރީ ސަރުކާރުން ގެންގޮސްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ އެ ހިދުމަތް އަތޮޅު ތެރޭގައި ދެމުންދަނީ ޕްލޭނާ އެއްގޮތަށް ނޫން ކަމަށެވެ. ކުރިން އެއް ޒޯނަކަށް ޅ. އަތޮޅު ހިމަނާފައި އޮތަސް އެ އަތޮޅުގައި ވަކިން އޮތީ ހިދުމަތް ފަށައިފައެވެ.
"އެއާ އެކީގައި ވެގެންދިޔަ އެއް ކަމެއްގެ ގޮތުގައި މި ސަރުކާރުން މިހާރު އެމްޓީސީސީއާ ވާހަކަދެއްކި އިރު ބެލިގެން މި ދިޔައީ އެ ތާވަލާ އެއްގޮތަށް ގެންދިއުމަށް ދަތިތަކެއް އައިސްފައި ހުރިކަން.
ވުމާއި އެކީގައި އަޅުގަނޑުމެން ވިހާވެސް ރައްޔިތުންނަށް ދެއްވާފައި އޮތް ކޮމިޓްމަންޓް ފުލްފިލް ކުރެވޭތީ މިހާރު މި ނިންމީ ނ. ރ. ބ. އަދި ޅ ގައި އަލުން ތާވަލު އެކުލަވާލާފައި އަލުން މި ހިދުމަތް ފެށުމަށް. އެހެންވީމަ އަޅުގަނޑުމެންގެ އުންމީދަކީ މި 3 އަތޮޅުގެ ބޭފުޅުންނަށްވެސް އުފަވެރި ހަބަރަކަށް ވެގެންދާނޭ،" އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން، އެއްރަށުން އަނެއް ރަށަށް ބޭސް ފަރުވާގެ އިންތިޒާމާއި ވަޒީފާގެ ބޭނުންތަކަށް ކުރިން އުފުލަން ޖެހުނު ބުރަޔާއި ތަކުލީފު ވަނީ އެތައް ގޮތަކުން ފަސޭހަވެފައި ކަމަށެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ އިޖުތިމާއީ ގުޅުންތައް ބަދަހި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާރުޓީއެލްގެ އެއްގަމު ހިދުމަތް ދިނުމަށް އެމްޓީސީސީން ޖުމުލަ 105 ބަސް ބޭނުން ކުރަމުންދެއެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތުގައި 25 އުނޅަދެއް ދަނީ ބޭނުން ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު