ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ރާއްޖޭގެ ހަތަރު އަތޮޅެއްގެ 45 ރަށަކަށް ކުނި މެނޭޖުކުރާ ސާމާނު ފޯރުކޮށްދިނުމަށް، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ނ، ރ، ބ އަދި ޅ އަތޮޅުގެ 45 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރަން ބޭނުންކުރާނެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް "ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިވެޓް ލިމިޓެޑް" އާއެވެ.
ކުނި މެނޭޖުކުރުމުގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏާ ހަވާލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހީމެވެ. އަދި އިންޑިއާގެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަލީ ޝިއާންއެވެ.
އެ މަސަައްކަތަކީ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ތެރެއިން، ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ 12.9 މިލިއަން ރުފިޔާއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭ ސާމާނުތަކުގެ ތެރޭގައި މަލްޓި ޕާޕަސް މިނީ ބޭލާސް، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ސްޓްރެޕިން ޓޫލް، ހޭންޑް ޓްރަކް ޓްރޮލީ، ހައިޑްރޯލިކް ހޭންޑް ޕެލެޓް ޓްރަކް ފަދަ ބައެއް އާލާތްތައް ހިމެނޭ ކަމަށާއި އެ މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ ހަތަރު މަސް ދުވަސް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަކީ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ އެޖެންޑާގައި އިސްކަމެއް ދެއްވާފައިވާ ދާއިރާއެއް ކަމަށެވެ.
އެ މަސައްކަތަކީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ މަަސައްކަތަށް ދިވެހި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖުކުރާ ސާމާނު ފޯރުކޮށްދިން 45 ރަށަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ނޫނީ އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތައް ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން އެ ރަށްތަކަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލެނޭވެ އިންތިޒާމު ހަމަޖެހިފައިވާ ރަށްތަކެއް ކަމުގައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކް އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރު ކުރެވެންދެން ރައްކާކޮށް ބެލެހެއްޓޭނެ ގާބިލުކަން އެ ރަށްތަކުގައި އިތުރުވެގެންދާނެ. އަދި ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރާ އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވެގެންދާނެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށާއި އެގޮތުން މިހާރު އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އުޅަނދުތައް ފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު