ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ކުރިއަށްގެންދާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާގޮތަށް ހަމަޖެއްސުމަށް މިއަދު މަޝްވަރާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މަޝްވަރާތައް ކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ޗީފް ޖުޑިޝަލް އެޑްމިސްޓްރޭޓަރު އައިޝަތު ރިޒްނާއާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ކަަމަށެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ނިންމާފައި ވާތީ، އެ އިންތިޒާމު ހަމައްސަވައިދެއްވަން ރިޒްނާގެ އަރިހުން ޝަމީމް އެދިވަޑައިގެންފައިވާ ކަމަށާއި އެ އުސޫލަކީ ހަރަދު ކުޑަކުރުމުގެ ގޮތުން ތައާރަފުކުރާ އުސޫލެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި އެހެނިހެން ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެ. އަދި ވަގުތުވެސް ސަލާމަތް ކުރެވޭނެ. 2019 ވަނަ އަހަރު އެކަނިވެސް ޕްރޮސިކިއުޓަރުން މެޖިސްޓްރޭޓް ކޯޓަކަށް ކުރެއްވި ދަތުރުތަކަށް 3.2 މިލިއަން ރުފިޔާ ހަރަދުވެފައިވޭ. މިގޮތަށް އިންތިޒާމު ހަމަޖެހުމުން މި ހަރަދުގެ ބޮޑުބައެއް ސަލާމަތް ކުރެވޭ،" ޕީޖީ އޮފީހުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި އަނެއް ކަމަކީ ޖިނާއީ މައްސަލަތައް އިލެކްޓްރޯނިކް ވަސީލަތްތައް، މެދުވެރިކޮށް ހުށަހަޅާ ގޮތަށް އަންނަ އަހަރުން ފެށިގެން އަމަލުކުރުމަށެވެ. އެ އުސޫލަށް އަމަލުކުރުމުގެ އިންތިޒާމުތައް ވެސް ކޯޓުތަކުގައި ހަމަޖައްސައިދޭން ޝަމީމް ވަނީ އެދިވަޑައިގެންފައެވެ.

"މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ." ޕީޖީ އޮފީހުން ބުންޏެވެ.

ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވުމުގެ އިންތިޒާމު ފުރަތަމަ ފަހަރަށް ހަމަޖެއްސީ ކޮވިޑް 19ގެ ސަބަބުން ޝަރީއަތް ކުރާ މަޖިލީހަށް މީހުން ހާޒިރުކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ރައްކާތެރިކަމަކަށް ނުވުމުންނެވެ.