ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ރާއްޖެއަށް ސެނެޓައިޒޭޝަން ދެ ޓްރަކް ހަދިޔާ ކޮށްފި އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު މައުލޫމާތު ދިން ގޮތުގައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް މި ދެ ސެނެޓައިޒޭޝަން ޓްރަކް ހަދިޔާ ކޮށްފައި ވަނީ ދިވެހި ސަރުކާރުން ކޮވިޑް 19ގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެގޮތުން ޔޫއޭއީ ގެ ސަރުކާރުން ހަދިޔާކުރި ސެނެޓައިޒޭޝަން ދެ ޓްރަކް ބޭނުންކޮށްގެން އާންމުން އެއްވެ އުޅޭ ތަންތަން ޑިސްއިންފެކްޓު ކުރުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށާއި، މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ބަލި ފެތުރުން ހުއްޓުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ޔޫއޭއީ އިން ރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަކީ ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ފެނިގެންދާ ކަމެއްކަމުގައި ބުނެފައެވެ. އަދި ރާއްޖެއަށް ދިމާވާ ދަތި ހާލަތްތަކުގައި ޔޫއޭއީ އިން ރާއްޖެއަށް ފޯރުކޮށްދޭ ދީލަތި އެހީއަށް މިނިސްޓްރީން ޝުކުރު އަދާކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ޔޫއޭއީ އިން ވަނީ ކޮވިޑް 19ގެ ބަލިމަޑު ކަމުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޔޫއޭއީ އިން ވަނީ ޖޫން މަހު ރާއްޖެއަށް 72 ޓަނުގެ ބަރުދަން ހުރި މެޑިކަލް އިކުއިޕްމަންޓްގެ ޝިޕްމަންޓެއް ހަދިޔާ ކޮށްފައެވެ.