ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގްރީސުން 12.75 ބިލިއަން ޔޫރޯ (14.30 ބިލިއަން ޑޮލަރު) ގެ އަގުހުރި 18 ފަހުމުނާމާ އާއި، އެއްބަސްވުންތަކާއި، ވިޔަފާރީގެ ބައިވެރިކަން އިއްޔެ އިއުލާންކޮށްފިއެވެ. އަބޫދާބީ މީޑިއާ އޮފީހުން ބުނި ގޮތުގައި، މި އެއްބަސްވުންތައް އިއުލާންކޮށްފައިވަނީ ގްރީސްގެ ވެރިރަށް އެތެންސްގައި ބޭއްވި ޔޫއޭއީ-ގްރީސް ސްޓްރެޓީޖިކް ފޯރަމްގައެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އަބޫދާބީގެ ވަލީއަހުދު ޝައިހް ހާލިދު ބިން މުހައްމަދު ބިން ޒައިދު އާލް ނަހްޔާނާއި ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސް އެ ފޯރަމްގައި ބައިވެރިވެވަޑައިގެން، މި 18 އެއްބަސްވުން އިއުލާނުކުރެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި އެއްބަސްވުންތަކުގެ އިތުރުން، ޝައިހް ހާލިދު ގްރީސަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސާގައި، ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގެ ދަށުން ގްރީސްގައި އިތުރު 15 ބިލިއަން ޔޫރޯ (61.7 ބިލިއަން ދިރުހަމް) އިންވެސްޓްކުރުމަށް ރާވާފައިވާކަން ޔޫއޭއީން އިއްޔެ އިއުލާންކުރި ކަމަށް އަބޫދާބީ މީޑިއާ އޮފީހުން ބުންޏެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މޭ 2022 ގައި 4 ބިލިއަން ޔޫރޯއާއެކު ފެށި ގުޅިފައިވާ އިންވެސްޓްމަންޓް އިނިޝިއޭޓިވް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށް އަބޫދާބީ މީޑިއާ އޮފީހުގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އަލަށް އިންވެސްޓްކުރާނެ ވަކި ދާއިރާތަކެއްގެ ތަފުސީލު އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ކޮމެންޓް