ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއަށް އެންމެ ގިނައިން އިންވެސްޓްކުރާނީ ޔޫއޭއީގެ މީހުންކަމަށް ގަބޫލުކުރެވޭކަމަށް ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ދުބައިގައި ހުންނަވައި ރާއްޖޭގެ މީޑިއާކަށް ދެއްވި އިންޓަވިއެއްގައި މުންދު ވިދާޅުވީ ޔޫއޭއީގެ މީހުންނަކީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ. އަދި ދުބައީއަކީވެސް ރިއަލް އެސްޓޭޓުޓުގައި ވަރަށް ކުރިއަރާފައިވާ ތަނެއްކަމަށް މުންދު ވިދާޅުވިއެވެ.

ޔޫއޭއީގެ މީހުންގެ މެދުގައި އެންމެ ޝައުގުވެރި ގައުމަކީ ރާއްޖެކަމަށް މުންދު ވިދާޅުވިއެވެ. އަދި ޔޫއޭއީގެ މީހުންނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ބައެއްކަމަށް މުންދު ވިދާޅުވިއެވެ.

"އެހެންވީމާ މިތާގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހަގީގަތުގަ މި ރަސްމާލޭގެ އެބައޮތް. ސަބަބަކީ އަލަށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް، އެ މީހުނަށް ފަރިތަ އެއްޗެއް މިރަށުގަ، އެ މީހުން ވަރަށް ފަރިތަވާނެ ރިއަލް އެސްޓޭޓް ޓޫރިޒަމަށް. އެހެންވީމަ ރާއްޖޭގައި މިކަހަލަ ފުރުސަތެއް ލިބޭތީވެ އަޅުގަނޑަށް ޔަގީންކުރެވޭ އިނގޭތޯ، މިހާރުވެސް އަޅުގަނޑަށް އިނގޭ އެންމެ ގިނަ އަދަދަކަށް ރަސްމާލެއަށް މި އިންވެސްޓްކުރާނީ ނޫނީ އެތަނުން އެޕާޓްމެންޓްސް ނޫނީ ވިލާސް ގަންނާނީ ހަމަ މިރަށު ރައްޔިތުން" މުންދު ވިދާޅުވިއެވެ.

ރަސްމާލެއިން އެ މީހުން ޕްރޮޕަޓީސްތައް ގަންނަނީ "ސަމާ ހޯމްސް"ގެ ގޮތުގައި ކަމަށާއި، އެ މީހުން ރާއްޖޭގައި ވަޒަންވެރިނުވާނެކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ދުބައީގެ ޑައުންޓައުންގެ ބިނާކުރުމުގެ އެންމެ ބޮޑު ހިއްސާދާރަކީ އެމާރު ކަމަށެވެ. އެމާރުން ދަނީ އަބޫދާބީގައިވެސް ރިއަލްއެސްޓޭޓް ވިޔަފާރި ހިންގަމުންކަމަށް އަދި ޝާރްޖާގައި މަރިޔަމް އައިލެންޑް ހިންގަމުންދާކަމަށް މުންދު ވިދާޅުވިއެވެ.

ރަސްމާލެގައި ތަރައްގީކުރާ މަޝްރޫއާ ވަރަށް އެއްގޮތް މަޝްރޫއެއްގެ މަސައްކަތް އީގަލްހިލްސްއިން ކުރަމުންދާ ކަމަށާއި، އެއީ ރަމްހާން އައިލެންޑް މަޝްރޫއުކަމަށް މުންދު ވިދާޅުވިއެވެ. މީގެ އިތުރުން އަބޫދާބީގެ ސިޓީ ސެންޓާ ކައިރީގައި އޮންނަ ލޫލޫ އައިލެންޑް ތަރައްގީކުރަނީވެސް އީގަލްހިލްސްއިންކަމަށް މުންދު ވިދާޅުވިއެވެ.

އެފަދަ ތަޖުރިބާހުރި ބަޔަކު ރާއްޖޭގައި އިންވެސްޓްކުރުން އެއީ ރަނގަޅުކަމެއްކަމަށް މުންދު ވިދާޅުވިއެވެ.