ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު މިއަދު "ވަން" އަށް ވިދާޅުވީ މިނިސްޓަރު ނަހުލާއާ ދެކޮޅަށް ރޭގެ ވަގުތެއްގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅައި އުވާލުމާ ގުޅިގެން އަމިއްލަ ފަރާތްތަކަކުން ހުށަހެޅި މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ފޮނުވި ސިޓީގައި ރާއްޖޭގެ 70 ކުންފުންޏެއްގެ އިސްވެރިން ސޮއިކޮށްފައިވެ އެވެ.

ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ގަވާއިދެއް އެކުލަވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު އެ ގަވާއިދު ވަނީ އުވާލައިފަ އެވެ.

ގަވާއިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ގަވާއިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވުމާއި އެ ގަވާއިދުގައި ބައިނަލްއަގްވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށް ޓަކައި ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިން އެޖެންޓުކަން ކުރަން ވާނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައި ކަމަށާއި ފަސް އަހަރުގެ މުއްތަށް ދޫކުރާ އެ ލައިސަންސް އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެ ގަވާއިދާއެކު ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓޭނެ އެވެ. އެގޮތުން ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އެޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ. އޭގެ އިތުރުން ކޮންސައިނީ އަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑާ ސީދާގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500 ރުފިޔާ ނެގިދާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

އެ ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ. ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހުގީގަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހުތިޔާރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެ އެވެ.