އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުހުމެއް މިއަދު ބާއްވަން ނިންމައިފިއެވެ

ރިޒާގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މިއަދު 930 އަށެވެ.

އެ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1.1 މިލިޔަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކުރިކަމަށް ބުނާ މައްސަލައިގައެވެ.

ރ. ފުއްގިރި ދޫކުރުމުގައި ހިޔާނާތް އެކުލެވޭކަމަށް ބުނާ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށްވެސް ދެ ދައުވާއެއް ކުރުމަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރެއިން އެއް ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި ކުށް ސާބިތު ވެއްޖެނަމަ ހަތަރު އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ހުކުމް ކުރާނެއެވެ.

މިމައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާއަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާ ކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް ހުސްވި އޯގަސްޓްމަހުގެ 16 ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވައިފައެވެ. އެ އަޑުއެހުމުގައި ވަކީލުންނާ ސީދާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާކަމަށް، ވިދާޅުވެ އެ ފުރުސަތު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ، ރައީސް ޔާމީނަށް އެ ފުރުސަތު ދެއްވުމަށްފަހު، އަޑުއެހުން ނިންމައިލެއްވިއެވެ.

އޭގެ ފަހުން އަދި އެމައްސަލައިގެ ޝަރީއަތެއް ނުބާއްވައެވެ.