ކޮވިޑުން ރަނގަޅުވެފައިވާ ފަތުރުވެރިންނަށް ވެސް ރާއްޖެ އާދެވޭނީ ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑް ޖެހުމަށް ފަހު އެބަލިން ފަސޭހަވެފައިވާ ފަތުރުވެރިންވެސް ރާއްޖެއަށް އެތެރެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކުގައި ކަމަށެވެ.
"ކޮވިޑުން ރަނގަޅުވެފައިވާ ފަތުރުވެރިންނަށްވެސް ރާއްޖެ އެތެރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު. އެކަމުން އިސްތިސްނާ ނުވާނެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑުން ރަނގަޅުވެފައިވާ ފަތުރުވެރިންނަށް އުސޫލުތަކަށް އަމަލުކުރަން ޖެހުމުގައި އިސްތިސްނާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެ އައުމުގެ ކުރިން، ކޮވިޑަށް ޕޮޒިޓިވް މީހަކާ ބައްދަލުވިޔަސް ކަރަންޓީންވާން ނުޖެހޭނެ ކަމަށާއި ރާއްޖެ އައުމަށްފަހު ޕޮޒިޓިވް މީހަކާ ބައްދަލުވި ނަމަވެސް އަލާމާތްތައް ނުފެންނަ ނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ރާއްޖެއިން ފުރާއިރު ހަދާ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު ރަނގަޅުވެފައިވާ ފަތުރުވެރިން އަލުން ޕޮޒިޓިވްވި ނަމަވެސް އަލާމާތްތައް ނުފެންނަ ނަމަ އެކަހެރި ނުކުރާނެ ކަމަށެވެ. އަދި އެގޮތަށް މެދުވެރިވަނީ ކޮވިޑުގެ ޑެޑް ވައިރަސްގެ އަސަރު ހުރުމުން ކަމަށް ވިދާޅުވިއެވެ.
"ކޮވިޑް 19 ޖެހުމަށް ފަހު ގާތްގަނޑަކަށް ތިން މަސް ދުވަސްވަންދެން ވައިރަސްގެ އަސަރު ދޭތެރެ ދޭތެރެއިން ފެނިދާނެ. އޭގެ މާނައަކީ އެއީ ލައިވް ވައިރަހެއް ނޫން." ޑރ. ޝަހީދު ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ސެޓްފިކެޓާއެކު ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ހަމަޖެއްސީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު