ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒފުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއްނޫން ކަމަށާއި އެ މައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު، ސަޕްލިމަންޓަށް ދެއްވި ބަޔާނުގައެވެ.
މިދުވަސް ފާހަގަ ކުރުމަށް ވާޗުއަލް ކޮށް މިއަދު ބޭއްވި ޖަލްސާ ގައި އެ ހިތާބު އިއްވަވައިދެއްވީ، އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާއެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދިން އެންމެ މުހިއްމު އެއް އަސާސީ ހައްގަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަމަށެވެ. އެއީ ހަމައެކަނި ރައްޔިތުންގެ އަސާސީ ހައްގެއްނޫން ކަމަށާއި ނިޒާމީ ގޮތެއްގައި ދައުލަތް ހިނގަހިނގާ އޮތުމަށް ވެސް މައުލޫމާތު ހޯދުމާއި ލިބުމާއި މައުލޫމާތު އާއްމު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، ނޫސްވެރިކަމުގެ މިނިވަން ކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަން ކަމަކީ ދައުލަތުގެ އެންމެހައި އިދާރާތަކާއި ވެރީންނާއި މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ހައްގެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ހާމަކުރަން ފަސްޖެހޭ ވަރަކަށް އެބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަދެވޭ ކަމަށާއި މައުލޫމާތު ހާމަކުރުމަށް އިސްކަންދޭ ވަރަކުން އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާ ކަމަށެވެ
"ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި އެބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިންކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ އެބާރުތައް ރައްޔިތުންނަށް ލިބިގެންކަމަށް ވާތީ، ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ގާއިމު ކުރުމުގެ މަގުސަދަކީ، އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން، ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު