ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭ އެލަވެންސްގެ ތެރެއިން އޮގަސްޓް މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 އަށް ހަމަވާނެ އެވެ.
އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން އެއް ބިލިއަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ވަނީ ދޫކޮށްފަ އެވެ.
ޖޮބް ސެންޓަރުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބައެއް ލިޔުންތައް މަދުވެގެން ނުވަތަ އެނޫންވެސް ކަމެއްގައި އަނބުރާ ފޮނުވާލާ ހުށަހެޅުންތައް 30 ވަނަ ދުވަހުގެ ފަހުން ވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އޮގަސްޓް މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވާއިރު މިމަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 އޮކްޓޯބަރެވެ.
ސަރުކާރުން އެންމެ ފުރަތަމަ އާންމުކުރި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުގައި ބުނެފައިވާ ގޮތުން އެ އެލަވަންސް ލިބޭނީ މިއަހަރުގެ މާޗު މަހުން ފެށިގެން އާމްދަނީއަށް ނުވަތަ ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ވެސް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމައިފަ އެވެ.
އެލަވަންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.
އަލަށް އެކުލަވާލި އުސޫލުގައި ވެސް ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވެންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
މީގެ އިތުރުން އެލަވެންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވެންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށް އުސޫލު ބުނެ އެވެ.
އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.
އެލަވެންސް ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެއްސަކަށްވުމާއި ޑިސެމްބަރު 1، 2019 އިން ފެށިގެން އެލަވެންސަށް އެދި ހުށަހަޅާ ތާރީހާ ހަމައަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި ވަޒީފާއެއްގައި ހުރި މީހަކަށް ނުވުމާއި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް
އިންކަމް ސަޕޯޓް އެލަވަންސް