ކަލާސް ޓީވީން ގެނެސްދިން މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސް 13 އިން ބެލުންތެރިންގެ މެދުގައި މަގުބޫލުވި މޮޑެލް އަދި ޕަންޖާބުގެ ލަވަކިޔުންތެރިޔާ ހިމާންޝީ ކުރާނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހިމާންޝީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް 19 ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓް ކުރުމުން އޭނާ ޕޮޒިޓިވް ވެފައިވާ ކަން އެނގިއްޖެ ކަމަށެވެ. އޭނާ ބަލި ހުރިތޯ ބެލުމަށް ޓެސްޓު ކުރީ، މީގެ ދެދުވަސްކުރިން ވަރަށް ގިނަ މީހުން އެއްވި އެއްވުމެއްގައި ބައިވެރިވެވުމުން ކަމަށްވެސް ބުންޏެވެ.

ހިމާންޝީ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ބަލި ހުރިތޯ ބެލުމަށް ޓެސްޓްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މީގެ ދެދުވަސްކުރިން ހިމާންޝީ ވަނީ މަސައްކަތްތެރިންގެ ހައްގުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރި ވެފައެވެ. އެގޮތުން ހިމާންޝީ ވަނީ އެ މުޒާހަރާ ކުރިއަށް ގެންދާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.