އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީން މެންޗެސްޓާ ސިޓީ ކޮޅަށް ފަސް ގޯލް ޖަހައި، އެޓީމު މާޔޫސް ކޮށްލައިފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 5-2ގެ ނަތީޖާއަކުން ނިމުނުއިރު، އެ ނަތީޖާއަކީ ސިޓީ ގެ ކޯޗު ޕެޕް ގާޑިއޯލާއަށް ހޯމް މެޗެއްގައި ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ރޭގެ މެޗުގައި ސިޓީ ކޮޅަށް ފަސް ގޯލް ޖަހާފައިވާއިރު، އެއީ 2003 ވަނަ އަހަރު ފެބްރުއަރީއަށްފަހު ސިޓީން ކުޅުނު ހޯމް މެޗެއްގައި އެޓީމު ކޮޅަށް ފަސް ގޯލް ވަން ފުރަތަމަ ފަހަރެވެ.
މެޗުގައި ވާޑީގެ ފަރާތުން ހެޓްރިކެއް ފެނިގެންދިޔައެވެ. އޭނާ ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލަކީ ޕެނެލްޓީން ކާމިޔާބުކުރި ދެ ގޯލެވެ.
ރޭގެ މެޗުގެ ހަތަރުވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއެވެ. ލެސްޓާއަށް ކުރިން ކުޅުނު އަލްޖީރިއާގެ ހުނަރުވެރި މިޑްފީލްޑަރު ރިޔާދު މަހަރޭޒް ޖަހައިދިން ހިތްގައިމު ގޯލާއެކު ސިޓީން ލީޑު ނެގިއިރު، ހާފު ނިމުމުގެ ކުރިން ވާޑީ ވަނީ ލެސްޓާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ލެސްޓާގެ ފޯވަޑް ލައިން ހަލުވިކޮށް ފެންނައިރު، ރޭގެ މެޗުގައި ސިޓީގެ ޑިފެންސަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކަށްވީވެސް އެއީއެވެ. ކުރިއަށް ޖެހި ޑިފެންސް ކުރަމުންދާއިރު، ލެސްޓާގެ ކުރިއަށް ކުޅޭ ކުޅުންތެރިން ދިޔައީ ބޮޑުތަނުން ޖާގަ ހޯދަމުންނެވެ. ދެވަނަ ހާފު ފެށިގެން ފުލުފުލުގައި ވާޑީގެ ދެ ގޯލް ފެނިގެންދިޔައިރު، ލެސްޓާގެ ހަތަރުވަނަ ގޯލް ޖެހީ މެޑިސަންއެވެ. އެއީ މިދިޔަ އަހަރު ޖެނުއަރީ ފަހުން މެޑިސަން ޖެހި ފުރަތަމަ ގޯލެވެ.
ސިޓީއާ މި ސީޒަނަށް ގުޅުނު ނެދަލެންޑްސްގެ ޑިފެންޑަރު ނަތަން އަކޭ ގޯލެއް ޖަހައިދީ ލީޑުގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލެސްޓާގެ ޓީލެމަންސް ވަނީ ފަސްވަނަ ގޯލެއް ޖަހައި ސިޓީ ލަދުގަންނަވާލައިފައެވެ.
ރޭގެ މޮޅާއެކު ލެސްޓާއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާއިރު، ސިޓީ އޮތީ ތާވަލުގެ 13 ވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު