އެމްޓީސީސީ

ކޮވިޑާއެކު ވެސް އެމްޓީސީސީއަށް މި އަހަރުގެ މިހާތަނަށް 100 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މުހައްމަދު ސިމާއު

މިއަހަރުގެ މިހާތަނަށް އެމްޓީސީސީއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

2019 ވަނަ އަހަރާއި 2018 ވަނަ އަހަރު އެމްޓީސީސީގެ ފައިދާ ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. އެގޮތުން 2018 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ އެންމެ 34.27 މިލިއަން ރުފިޔާ އެވެ. އެކަމާއި ގުޅިގެން އެ އަހަރު ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޓް ވެސް ބަހާފައެއް ނުވެ އެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ފައިދާގެ ގޮތުގައި ލިބުނީ 53.31 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 55.57 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ވާޗުއަލްކޮށް އިއްޔެ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އައި އިރު، އެކުންފުނީގެ ސާފު ފައިދާ 100 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

އެކަމާ ގުޅިގެން "ވަން" އަށް އިތުރަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، މިއަހަރު ކުންފުނީގެ އަމާޒަކަށް ވީ އަހަރު ނިމޭއިރު 200 މިލިއަން ރުފިޔާ ހޯދުން ކަމުގައިވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން ކުންފުންޏަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން ލޮޖިސްޓިކަށް ހުއްޓުން އައުމާއި ޕްރޮޖެކްޓްތައް ދާން ބޭނުންވާ ހަލުވިމިނުގައި ނުދިއުން ފަދަ ކަންކަން ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވި އެވެ. އާޒިމް އިތުރަށް ވިދާޅުވީ އޭޕްރިލުން ޖޫން މަހަށް މުޅި ރާއްޖެ ލޮކްޑައުންވެފައި އޮތުމަށްފަހު ޕްރޮޖެކްޓުތައް ފަށައިގަނެވުނީ އޮގަސްޓް ހިސާބުގައި ކަމަށެވެ. އެހެންކަމުން ގެއްލުނުތަން ހޯދަން ބާކީ މިއޮތީ ތިން މަސް ދުވަސް ކަމަށާއި ނަމަވެސް އުންމީދު އެބަ އޮތް ކަމަށެވެ.

"ކޮވިޑާއެކު ވެސް އަޅުގަނޑުމެންނަށް ގެއްލުން ނުވެ ހިންގުނު. އެގޮތުން މިއަހަރުގެ މިހާތަނަށް ހަރަދަށް ކެނޑުމަށްފަހު 100 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ. އަޅުގަނޑުމެންގެ އަމާޒަކަށް ވީ މިއަހަރު 200 މިލިއަން ރުފިޔާ. ނަމަވެސް މި ބަލަނީ އަހަރު ނިމޭއިރު 150 މިލިއަން ރުފިޔާ ލިބޭނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އެމްޓީސީސީގެ ފައިދާ އާއި ގެއްލުމުގެ ހިސާބަށް ބަލާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު ކުރިއެރުން ލިބުނު ދާއިރާތަކަކީ ފަޅުފުުންކުރުމާއި އާންމު ވިޔަފާރި އާއި ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެގޮތުން ފަޅުފުންކުރުމުގެ މަސައްކަތުން އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނީ 198.36 މިލިއަން ރުފިޔާ އެވެ. އެއީ 2018 ވަނަ އަހަރަށްވުރެ 0.68 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މަސައްކަތުން އެ އަހަރު ލިބުނީ 197 މިލިއަން ރުފިޔާ އެވެ.

އާއްމު ވިޔަފާރީގެ ދާއިރާއިން މިދިޔަ އަހަރު 262.8 މިލިޔަން ރުފިޔާ އެމްޓީސީސީއަށް ލިބުނު އިރު، 2018 ވަނަ އަހަރު އެ މަސައްކަތުން ލިބުނީ 239 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ 9.9 ޕަސެންޓްގެ ކުރި އެރުމެކެވެ.

ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބަލާއިރު އެ މަސައްކަތުން މިދިޔަ އަހަރު އެމްޓީސީސީއަށް 16 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2018 ވަނަ އަހަރާއި އަޅައިބަލާއިރު 273.55 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ދާއިރާއިން އެ އަހަރު ލިބުނީ އެންމެ ހަތަރު މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ވެސް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިލާން ޖެހުނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެއީ ސިނަމާލެ ބްރިޖު ހުޅުވުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ދަތުރުފަތުރުން މިދިޔަ އަހަރު 90.2 މިލިޔަން ރުފިޔާ ލިބުނު އިރު އެއީ ކުރީ އަހަރަށް ވުރެ 34.36 ޕަސެންޓް ދަށް އަދަދެކެވެ. ދެހާސް އަށާރަވަނަ އަހަރު ދަތުރުފަތުރުން އެމްޓީސީސީއަށް 135.36 މިލިއަން ރުފިޔާ ލިބުނެވެ.

އިމާރާތްކުރުމުގެ ދާއިރާ އިން އެމްޓީސީސީއަށް މިދިޔަ އަހަރު ވަނީ 16.98 ޕަސެންޓްގެ ދަށްވުމެއް އައިސްފަ އެވެ. އެގޮތުން 2018 ވަނަ އަހަރު އެ މަސައްކަތުން 672 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު ލިބުނީ 557.87 މިލިއަން ރުފިޔާ އެވެ.