މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ މައްސަލައާ ގުޅިގެން ގއ. ވިލިނގިލި ނައިން ފްލާވަރ އީމާން މުހައްމަދު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މިމަހު 15 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އީމާން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލު ކުރީ އޭނާ ބަންދުގެ މުއްދަތު ޖެހިއިރު ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އޭނާ ޝަރީއަތަށް ހާޒިރު ކުރުމުގެ ކުރިން އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަށް ބަންދުގެ މުއްދަތުގެ މަޖިލީހަށް އިމާން ހާޒިރުކުރެވޭ ތަނާއި ގަޑި ފުލުހުންގެ ފަރާތުން އަންގާފައިވާކަން އެނގެން ނެތުމުންނެވެ.

ހައިކޯޓުން ބުނެފައިވަނީ ވަކީލަކު ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ހައްގުތަކުގެ ތެރޭގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެ ކަމަށާއި އަދި ލަސް ކުރުމެއްނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެމީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭން ވާނެކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން އީމާނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކުން މަހުރޫމު ކުރެވިފައިވާކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލުގެނެސް އެ އަމުރު ބާތިލް ކުރިކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.