ދުނިޔޭގެ ފަތުރުވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ ހުރިހާ ޝުކުރެއް ހައްގުވަނީ، ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަންނަމުން އަންނަ އިރު، ރާއްޖެއަށް ޒިޔާޔަތްކުރާ ހުރިހާ ފަތުރުވެރިންނަށް މަރުހަބާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރިވެރިކަމުގެ ސިނާއަތް ވަނީ ކޮވިޑް 19ގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ހިސާބުން ގިނަ ރިސޯޓުތައް ބަންދުކުރިއެވެ. އެކަމާ ގުޅިގެން އެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ފަރާތަކަށް އެކަމުގެ މާލީ ގެއްލުން ކުރިމަތިވިއެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ތިން މަހެއްހާ ދުވަސްފަހުން ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް 13،500 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި 140 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރާ އިރު، އޭގެ ތެރެއިން ބައެއް ރިސޯޓުތައް އަދިވެސް ހުޅުވައިފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި މިހާރު ހުޅުވިފައި ހުރީ 22،000 ޓޫރިސްޓު އެނދު ކަމަށެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލެވުމާއެކު އެ އަދަދު 25،000 އަށް އަރާނެ ކަމަށް ބުންޏެވެ.
ކޮވިޑް 19އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް އެއާލައިންތަކުގެ ދަތުރުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި ނަމަވެސް ބައެއް ގައުމުތަކުގެ ބޯޑަރުތައް މިހާރު އަންނަނީ ހުޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު