މި ސީޒަންގެ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުގައި 3-2ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށްފިއެވެ.
ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ރެއާލް ކާމިޔާބުކުރިއިރު، މެޗުގައި ވީއޭއާރްގެ ނިންމުންތައް ވަނީ ފާހަގަކޮށްލެވިފައެވެ. ފޯރި ގަދަކޮށް ފެނިގެންދިޔަ މެޗަށް ނުކުތްއިރު، ރެއާލް އޮތީ ލީގު ތަށި ދިފާއުކުރުމަށް އިތުރު ހިތްވަރެއް ލާން ޖެހިފައެވެ. އެއީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވަލަޑޮއިޑާ ދެކޮޅަށް ކުޅެ އެއްވަރުވެފައި އޮތުމުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ރެއާލްއަށް ލީޑު ނަގައިދިނީ ވަލްވާޑޭއެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން ބެޓިސްއިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަޓިސްއިން ދެ ގޯލް ޖެހިއިރު، އެޓީމުގެ ފުރަތަމަ ގޯލަކީ އައިއްސާ މަންޑީ ބޮލުން ޖެހި ގޯލެކެވެ. ދެވަނަ ގޯލް ދެ މިނެޓް ފަހުން ޖެހީ ވިލިއަމް ކާވާލިއޯއެވެ.
ދެވަނަ ހާފަށް ނުކުމެ ރެއާލްއިން ކުޅުން ރަނގަޅުކުރިއެވެ. ކުރިއަށް ޖެހި ބެޓިސްގެ ޑިފެންސަށް ޕްރެޝަރު ކުރިއިރު، ހާފްގެ ކުރީކޮޅު ލީޑު ނެގިއެވެ. އެ ގޯލަކީ ބެޓިސްގެ އެމަސަން ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ރެއާލްއަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހައަކީ 67 ވަނަ މިނެޓުގައި ބެޓިސްގެ އެމަސަންއަށް ދެއްކި ރަތް ކާޑެވެ. އެމަސަން ބެޓިސްގެ އޭރިއާ ބޭރުން ޖޮވިޗަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދެ މިނެޓެއްހާއިރު ވަންދެން ވީއޭއާރް ބެލުމަށްފަހު އެމަސަންއަށް ރަތް ކާޑު ދެއްކީ ސީދާ ގޯލް ޖަހަން ލިބުނު ފުރުސަތެއްގައި ފައުލް ކުރުމުންނެވެ.
ބެޓިސްއިން ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔުމާ ގުޅިގެން ރެއާލްއިން ވަރުގަދައަށް އެޓޭކްކުރިއިރު، އެޓީމު މެޗުން މޮޅުވީ 82 ވަނަ މިނެޓުގައި ހޯދި ޕެނެލްޓީންނެވެ. އޭރިއާ ތެރެއިން ބެޓިސްގެ ބާޓްރާ އަތުގައި ޖެހުމުން ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. ހިތްގައިމު "ޕެނަންކާ" ޕެނެލްޓީއަކާއެކު ރެއާލްއަށް މެޗު ކާމިޔާބުކޮށްދިނީ ކެޕްޓަން ރާމޯސްއެވެ.
ރެއާލްއާ ވާދަވެރި ބާސެލޯނާއިން ލީގު ފަށާނީ މިރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު