ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ޖެހޭނެ ކަމަށް ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި ބުނެފިއެވެ.

ބަދަލުތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި "ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި" ބުނީ

ގެސްޓްހައުސްތަކަކީ ފަތުރުވެރިން މެދުނުކެނޑި އަންނަ ތަނަކަށްވާތީ ކޮވިޑު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންކަމުން ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

އުސޫލުގައިވާ ގޮތުން އޮޕަރޭޓްކުރަމުންދާ ރިސޯޓުތަކާއި އޮޕަރޭޓްކުރަން ނުފަށާ ރިސޯޓުތަކުން ވެސް މީހުން ދިރިއުޅޭ ރަށަކަށް މީހަކު ދާނަމަ ކަރަންޓީނު ވާން ޖެހެއެވެ. އަދި އިންޑަސްޓްރިއަލް ރަށަކަށް މަސައްކަތަށްދާ މީހުންނަށް ވެސް މަސައްކަތަށް ނުކުމެވޭނީ އެ ރަށެއްގައި ކަރަންޓީނުކުރުމަށް ފަހު ޓެސްޓްކޮށް ނެގެޓިވްވުމުން ކަމަށް އުސޫލުގައި ބުންޏެވެ.

މީގެ އިތުރުން އެ އުސޫލުގައި ވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށްދާ މީހުން ގޭގައި ކަރަންޓީނުވާން ޖެހޭ ގޮތާއި ރާއްޖެއިން ބޭރުން ރިސޯޓު މަސައްކަތަށް އަންނަ މީހުން ކަރަންޓީނުވުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ހިމަނައިފައެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ 15ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމައިފައެވެ.