އިނގިރޭސި ޕްރިމިއާ ލީގު

ފަހު ސިކުންތުގައި ލިބުނު ޕެނެލްޓީއާއެކު ޔުނައިޓެޑަށް ތިން ޕޮއިންޓް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗު ހަނިގޮތަކުން ކާމިޔާބުކޮށް، ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓް ޔަގީންކޮށްފިއެވެ.

މިއަދު ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން މޮޅުވި އިރު، މެޗުގައި ޔުނައިޓެޑްގެ ތިންވަނަ ގޯލް ޖެހީ ފަހު ސިކުންތުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީއަކީ މެޗު ނިންމާލުމަށް ފަހު، ވީއޭއާރް ޗެކެއްގެ އެހީގައި ރެފްރީ ދިން ޕެނެލްޓީއެކެވެ.

މެޗަށް ނުކުތް އިރު، ބްރައިޓަންއިން ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައި އޮތް އިރު، ޔުނައިޓެޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ކްރިސްޓަލް ޕެލެސް އަތުންނެވެ. އެ މެޗުގައިވެސް ޔުނައިޓެޑްގެ ފަހަތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔަ އިރު، މިއަދުގެ މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ ބްރައިޓަންއިންކަން ފާހަގަކޮށްލެވެއެވެ.

މިސީޒަނަށް އަލަށް ޔުނައިޓެޑާ ގުޅުނު ވެންޑަބީކް މިރޭގެ މެޗުގައިވެސް ފުރަތަމަ 11 އަށް ނެރެފައެއް ނުވެއެވެ. މެޗު ފެށިގެން ބްރައިޓަންއިން ހަމަލާތައް އުފައްދާފައިވާ އިރު، މުޅި މެޗުގައި އެޓީމުގެ ފަސް ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. އޭގެ އިތުރުން ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ރަނގަޅު ސޭވްތަކެއްވެސް ފެނިފައިވެއެވެ.

ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ބްރައިޓަންއިން ލީޑު ނެގީ މައުޕޭގެ "ޕެނަންކާ" ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީއަކީ ބްރައިޓަންގެ ހަލުވި ޑިފެންޑަރު ތާރިގު ލަމްޕްޓޭއަށް ބުރޫނޯ ފެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ. ޕެނެލްޓީއާއެކު ލިބުނު ލީޑު ބްރައިޓަންއަށް ދެމެހެއްޓުނީ ދެ މިނެޓް ވަންދެނެވެ. ލިބުނު ހިލޭ ޖެހުމުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ރަޝްފޯޑު ހުރަސްކޮށްލި ބޯޅައެއް ބްރައިޓަން ޑިފެންޑަރު ލެވިސް ޑަންކް ފައިގައި ޖެހި ވަން ގޯލާއެކުއެވެ.

ދެވަނަ ހާފުގައިވެސް ވަރުގަދައަށް ކުޅެފައި ވަނީ ބްރައިޓަންއިންނެވެ. އެހެންނަމަވެސް ހާފުގެ ކުރީކޮޅުގައި ރަޝްފޯޑު ވަނީ ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އެ ލީޑު ދެމެހެއްޓުމަށް މެޗުގެ އިތުރު ވަގުތާ ހަމައަށް ޔުނައިޓެޑުން ކާމިޔާބު ހޯދި އިރު، ބްރައިޓަންއިން ވަނީ 93 ވަނަ މިނެޓުގައި ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ އަލިރެޒާގެ ހުރަހަކުން މާޗެވެ.

މެޗުގެ ނަތީޖާ އެއްވަރުވާން ދަނިކޮށް ޔުނައިޓެޑަށް ޕެނެލްޓީއެއް ލިބުނީ މެޗު ފަހު ވަގުތުގައި ބްރައިޓަން އޭރިއާ ތެރެއިން މުއާޕޭ އަތުގައި ބޯޅަ ޖެހިގެންނެވެ. ރެފްރީ ފުރަތަމަ މެޗު ނިންމާލި ނަމަވެސް، ވީއޭއާރުގެ އެހީގައި އަނބުރާ ޕެނެލްޓީ ދިނީ ރިވިއު ކުރުމަށްފަހު މުއާޕާ އަތުގައި ޖެހުނުކަން ޔަގީންވުމުންނެވެ. ޕެނެލްޓީ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ ބުރޫނޯއެވެ.