އަބަދުވެސް ޔޫރަޕްގެ އެންމެ "އެލީޓް" ސްކޮޑެއް އޮންނަ އެއް ޓީމަކީ ރެއާލް މެޑްރިޑެވެ. އެ ކްލަބަކީ "ގެލެކްޓިކޯސް"އިން ގޮސް، އަބަދުވެސް އެންމެ ވަރުގަދަ ސްކޮޑު ގެންގުޅެމުން އަންނަ ޓީމެވެ. ދުނިޔޭގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ދެކޭ އެއް ހުވަފެނަކީވެސް ރެއާލްގެ ޖާޒީގައި ކުޅުމެވެ. ޝަރުފުވެރި ކަމަށް ބަލައި، ކާމިޔާބީއަށްވެސް ބެލުމަށްފަހުއެވެ.

ކޮންމެއަކަސް ރެއާލްގެ އެ ސަގާފަތަށް ވެސް މިހާރު ބަދަލުތަކެއް އައިސްފިއެވެ. ހާއްސަކޮށް ފީފާ ފެއާޕްލޭ ރޫލް ފަދަ ފައިސާގެ ހަރުކަށި ގަވައިދުތަކާއެކު ރެއާލަށް ވެސް މިހާރު ކުރިން ކުރާ ގޮތަށް، ރެކޯޑު ހަރަދުތައް ކުރުން ވަނީ އުނދަގޫ ކަމަކަށެވެ. އެގޮތަށް އެންމެ މަތީ ފަންތީގެ ހުނަރު ގަނެ، ކްލަބުގެ މުޅި ސްކޮޑު ތަރިންނަށް ހަދާލުމުގެ ވިސްނުން އެންމެ ބޮޑަށް ދޫކޮށްލީ މިހާރުގެ ކޯޗު، ޒައިނުއްދީން ޒިދާންގެ ވިސްނުންތެރިކަމުގެ ދަށުންނެވެ.

ޒިދާން ފާހަގަކޮށްލެވެނީ އަބަދުވެސް ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ބޭނުން ހިފައި، ޓީމެއް ޓީމެއްގެ ގޮތުގައި ބިނާކޮށް، ދުރު ރާސްތާއަށް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކޯޗެއްގެ ގޮތުގައެވެ. އެންމެ ނަން ހިނގާ ކުޅުންތެރިޔާ ގެންދިއުމުގެ ބަދަލުގައި، އާދައިގެ ލެވެލްއަކުން ކުޅުންތެރިޔާ ކުރިއަރުވައި، ނަން ހިންގުވުމަކީ ޒިދާންގެ ފިލޯސަފީ ކަމަށް ބެލެވެއެވެ.

"މި ސްކޮޑަކީ އަހަރެން މި ސީޒަންގައި ކުރިއަށްދާން ޖެހޭ ސްކޮޑު. ރެއާލްގެ ބޯޑަށް އިތުރަށް ޕްރެޝަރުކޮށްގެން ހަރަދުތައް ކުރުވަން މަސައްކަތް ނުކުރާނަން. ބަރާބަރަށް ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރުކޮށްގެން މިހުރީ. އެކަމަކު ޓްރާންސްފާ ސީޒަންގައި ބާކީ އޮތް ދުވަސްތަކުގައި ކަން ވާނެ ގޮތް ޔަގީންކުރަން ނޭނގޭނެ،" މި ސީޒަންގެ ހިމޭން ޓްރާންސްފާ ސީޒަނަށް ރިއާޔަތްކޮށް ޒިދާން ބުނެފައިވެއެވެ.

އެންމެފަހުން ރެއާލްއިން ކުރި ވަރުގަދަ ޓްރާންސްފާ، އެޑެން ހަޒާޑް މިވަގުތުވެސް ހުރީ އަނިޔާގައެވެ. ޗެލްސީ ދޫކޮށް ރެއާލްއަށް ދިޔަފަހުން ހަޒާޑަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ އިރު، ސީޒަންގެ ކުރިން އޭނާ ބުނީ މި ސީޒަނުގައި ތަފާތު ދައްކާނެ ކަމަށެވެ. ހަޒާޑާ ދޭތެރޭ ޒިދާންގެ ކަންބޮޑުވުމެއްވެސް ނެތެވެ. ޒިދާން ބުނެފައިވަނީ ރަނގަޅު ތަމްރީނުތަކަކަށްފަހު އެނބުރި އައުމުން ހަޒާޑް ފެންނަނީ ފޯމްގައި ކުޅޭތަން ކަމަށެވެ.

މި ސީޒަންގެ ކުރިން ރެއާލްއިން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލައިފައެވެ. އެގޮތުން ޓީމަށް އަގުބޮޑުކޮށް ގެނެސްފައިވާ ގެރެތު ބޭލް ލޯނަށް ޓޮޓެންހަމްއަށް ދިޔަ އިރު، ކޮލަމްބިއާ މިޑްފީލްޑަރު ހަމޭޒް ރޮޑްރިގޭޒް ދިޔައީ ދާއިމީ ޓްރާންސްފާއެއްގައި އެވަޓަންއަށެވެ.