ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަސައްކަތް ފެއްޓެވުމުން ގިނަ އިލްމުވެރިން އެ ކޯލިޝަނާ ގުޅޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ.

އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމުގެ މަސައްކަތް ފެއްޓެވުމުން އިތުރު ގިނަ އިލްމުވެރިން ޕީޕީއެމް/ޕީއެންސީއާ ގުޅޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދީނަށް ފުރައްސާރަކުރާ މީހުންނާއި ހައްދުފަހަނަ އަޅާފައިވާ މީހުންނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމުގެ އިތުރުން އިދިކޮޅު ކޯލިޝަނުގައި އިތުރު ދެ އެޑްވައިޒުން ތިއްބަވަ އެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ޝަހީމް، ގިނަ ދުވަސްތަކަކު ސައުދީގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ. އަދި މިއީ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށްފަހު ޝަހީމު ސިޔާސީ މައިދާނަށް ނުކުންނެވި ފުރަތަމަ ފަހަރެވެ.