ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި އަދިވެސް ނަސްލީ ތަފާތުކުރުން ގެންގުޅޭ ނަމަވެސް، މިހާތަނަށް އެކަން އެންމެ ކުޑަކޮށް ފެނުނު ލީގަކީ އިޓަލީ ލީގު ކަމަށް އިންޓަ މިލާންގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.
އިނގިރޭސި ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ލުކާކޫ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. 74 މިލިއަން ޕައުންޑަށް ލުކާކޫ އިންޓައަށް ބަދަލުވީ ދެ ސީޒަން ވަންދެން މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރުމަށްފަހުއެވެ. އަމިއްލަ ގައުމު، ބެލްޖިއަމްގެ އަންދަރުލެޗުން ލުކާކޫ އިނގިރޭސި ލީގަށް ދިޔައީ ޗެލްސީއަށެވެ. އޭގެ ފަހުން އެވަޓަންއަށްވެސް ލުކާކޫ ކުޅުނުއިރު، އެންމެފަހުން ޔުނައިޓެޑްގައި ލުކާކޫ ހޭދަކުރީ ދަށް ދެ ސީޒަނެވެ.
އެމެރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ވަރުގަދައަށް އަޑު އުފުލަމުން އަންނަ މި ދަނޑިވަޅުގައި ނިއު ޔޯކް ޓައިމްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ލުކާކޫ ބުނެފައި ވަނީ ހަޔާތުގެ އެތައް ހިސާބެއްގައި ނަސްލީ ތަފާތުކުރުމާ ދިމާވެފައިވާ ކަމަށާއި، އެކަމުން އަރައިގަންނަން މިހާރު ދަސްވެއްޖެ ކަމަށެވެ.
"އަހަންނަށް އެކި ފަހަރުމަތިން ނަސްލީ ތަފާތުކުރުންތައް އައި. މާ ގިނައިން އެ ދިމާކުރުންތައް އަންނަ ހިސާބުން މީހާގެ ވަށައިގެން ތޮށްޓެއް ލެވޭ ގޮތަށް، އެކަންކަމަށް މީހާ ފަރިތަވާނެ. އެކަމުގެ ރުޅި އެމީހުންނަށް ބޭލުމުގެ ބަދަލުގައި ރުޅި ބާލައިލަނީ ނަތީޖާއަށް،" ލުކާކޫ ބުނެފައި ވެއެވެ.
އިންޓައަށް ބަދަލުވެ 51 މެޗުން 34 ގޯލް ލުކާކޫ ޖަހާފައިވާއިރު، މިދިޔަ ސީޒަންގައި އިންޓައިން ކަގިލިއަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ލުކާކޫއަށް ވަނީ ނަސްލީގޮތުން ދިމާކޮށްފައެވެ.
ފުޓުބޯޅައިގައި ހިމެނޭ އެކިއެކި ލެވެލްތަކުގެ ފަރާތްތަކުން ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ވަރުގަދަ އަޒުމެއްގައި ނުކުމެ ތިބިއިރު، ލުކާކޫ ބުނެފައި ވަނީ އޭގެ ހެޔޮ ބަދަލު ފެނުނު ނަމަވެސް، ނަސްލީ ތަފާތުކުރުން އެއްކޮށް ފިލައިގެން ނުދާ ކަމަށެވެ.
"ޔޫރަޕްގެ އެކި ހިސާބުތަކުގައި އަދިވެސް ނަސްލީ ތަފާތުކުރުން އެބައޮތް. އިޓަލީގައި އެކަން ކުރިމަތިވީ އެއްފަހަރު. އޭގެފަހުން ނުވޭ،" ލުކާކޫ ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު