މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަމަންޓް އިން "ބަޔޯޑައިވާސިޓީ ބިޔޯންޑް 2020، ބިލްޑިން އަ ޝެއާޑް ފިއުޗާ ފޯ އޯލް ލައިފް އޮން އާތު" މި ތީމްގެ ދަށުން ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމަކީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޔުނައިޓެޑް ނޭޝަންސް ސަމިޓް އޮން ބަޔޯޑައިވާސިޓީއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިއީ 2021 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ 15 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 15)ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަމަންޓުން ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ގުދުރަތީ ވެއްޓާ މެދު އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ދިވެހިރާއްޖެ ފަދަ ގުދުރަތީ ގޮތުން ބޮޑު ކަނޑަކާއި ފަރެއް ލިބިފައި އޮންނަ ގައުމުތަކަށް ކުރާ އަސަރު ބޮޑު ކަމަށެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ގައުމުގެ އިގްތިސޯދާއި މީހުންގެ ދިރިއުޅުން ބިނާވަނީ ކަނޑުން ލިބޭ ދިރުމަށާއި ލިބިފައިވާ ގުދުރަތީ ރީތި ފަރަށާއި ފަރުގައި އުޅޭ ރީތި މަސްމަހާމެއްސަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ވީހިނދު މޫސުމީ ބަދަލުތަކުގެ ސަބަބުން މި ދިރުންތަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމަށާއި އެހެންކަމުން މި ގެއްލުން ކުޑަކުރުމަށް ހުރިހާ ގައުމަކުންވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"އެހެންކަމުން މިކަމަށް އެކަށީގެންވާ ރަނގަޅު ޕޮލިސީތައް ހަދައި މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ލިބޭ ގެއްލުން ކުޑަވާނެ. މި ޕޮލިސީތައް ތަންފީޒުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރަން ޖެހޭކަމަށެވެ. އެހެންކަމުން ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ"އިން 2021ން 2030އަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެއް ފާސްކުރުމަށް މިނިސްޓަރު ވަނީ ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ.
ޑރ. ހުސެއިން ރަޝީދު
ޑރ. ހުސެއިން ރަޝީދު
ޑރ. ހުސެއިން ރަޝީދު
ޑރ. ހުސެއިން ރަޝީދު