ޕީޕީއެމާ ގުޅިވަޑައިގެންނެވީ ވަކި މަގާމެއްގެ ބޭނުމުގައި ނޫން ކަމަށާއި ބޭނުންވަނީ ކޯލިޝަންގެ މެންބަރުންނާއެކު ހުންނެވުމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި މިއަދު ހަމަޖައްސަވައިފައެވެ. އެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ އޭނާއަށް ވަރަށް ހެޔޮ ރަނގަޅު ބޭފުޅެއް ކަމަށާއި އެހެންކަމުން އެހެން ބަޔަކާއެކު ސިޔާސީ މަސައްކަތް ކުރުމަށް ޒަމީރު ނޭދޭ ކަމަށެވެ. ސިޔާސީ މައިދާނުގައި ހޭދަ ކުރެއްވި މުއްދަތުގައި އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ އެއްވެސް ހާލަތެއްގައި ވަކި މަގާމެއް ބޭނުން ވެގެން ނޫން ކަމަށާއި ބޭނުންވަނީ މެންބަރުންނާއެކު ދެމިހުންނަން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޕީޕީއެމް، ޕީއެންސީގެ މެންބަރުންނާއެކު ދެމިހުންނަން. އަޅުގަނޑު ތިބޭފުޅުންނާ މި ގުޅުނީ އެއްވެސް ހާލެއްގައި ވަކި މަގާމަކަށް. އަބްދުއްރަހީމް އަޅުގަނޑަށް އެޑްވައިޒަރުކަން ހުށަހެޅުއްވީ. އަޅުގަނޑު އެޑްވައިޒަރުކަން ބޭނުންވެގެން އަބްދުއްރަހީމަށް ދަންނަވައިގެން ނޫން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝަހީމް ވަނީ ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމަކީ ދިވެހިންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ހަމައެކަނި ޕީޕީއެމް ޕީއެންސީއަކަށް ނޫން ކަމަށެވެ. އެއީ ދިވެހި ގައުމަށާއި ދިވެހި ޒައާމަތަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޔާމީންގެ ހިދުމަތް ރާއްޖޭގެ އުތުރާއި ދެކުނުން އަދި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިިވާ ބުރިޖާއި ބޮޑެތި ބިނާތަކާއި އެއާޕޯޓުތަކުން އެނގެގިންދާ ކަމަށެވެ. އެ ތަންތަނުން ދޭހަކޮށްދެނީ އެ އިމާރާތްތައް ބިނާކޮށްދެއްވި މުއައްސިސްގެ އުންމީދުގެ ވަރުގަދަކަމާއި އަޒުމާއި ތަސައްވަރު ކަމަށެވެ.

އޭނާ ވިދާޅުވީ 2013 އަދި 2018 ވަނަ އަހަރު ގައުމު ބޭނުންވި ވަރަށްވުރެ އިތުރަށް މިހާރު ޔާމީންގެ ހިދުމަތް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެއީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރާއްޖޭގެ ސިޔާދަތަށް، ދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިންގެ ޒައާމަތަށް ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ބޭނުންވާތީ ކަމަށާއި ރާއްޖޭގެ ވުޖޫދުން، ރައީސް ޔާމީން ފިޔަވައި އެހެން ސިޔާސީ ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި ޝަރީއަތެއް އެމަނިކުފާނަށް ލިބެން ޖެހޭ ކަމަށާއި އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.