ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.

އޭނާ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަނުގައި އިތުރު ދެ އެޑްވައިޒަރަކު ތިއްބަވާނެއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

މިއީ ގިނަ ދުވަސްތަކަށްފަހު ސިޔާސީ އިވެންޓެއްގައި ޝަހީމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އޭނާ އަކީ 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ބޭފުޅާއެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ޝަހީމް، ގިނަ ދުވަސްތަކަކު ސައުދީގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ. އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުވެސް ފުރުއްވައިފައެވެ.

ޝަހީމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް އެމަގާމުން އިސްތިއުފާ ދެއްވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރުކޮށް ޖަލަށްލާން ހުކުމްކުރުމާ ގުޅިގެންނެވެ.