މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލައިފައިވަނީ ތޮއިބާ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ، މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާކަމުގެ މައުލޫމާތު މިރޭ 8:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ތޮއިބާ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވަނީ ހަވީރީ ހިނގުމާއި ޝަހީދު އަލީ ހިނގުމާ ގުޅުނު ހިސާބުން ކަމަށް ފުލުހުން ބުންޏެވެ.

ތޮއިބާ މިސްކިތް ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިރު، މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ވަނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައެވެ. އެ ބިދޭސީ މީހާއަށް ހަމަލާދީފައިވަނީ ދެ ސައިކަލެއްގައި އައި ބައެކެވެ.