ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭތައް ހަދަން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާ އެގްޒިމް ބޭންކުގެ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނެއްގެ ދަށުންނެވެ. އެ ކްރެޑިޓް ލައިނަކީ ރާއްޖެއިން އެދިގެން އިންޑިއާއިން ހަމަޖައްސައިދީފައިވާ ކްރެޑިޓް ލައިނެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ އުތުރުގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރް) ތައްޔާރުކުރުމުގެ މަސައްކަތް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށާއި އަދި އެއަށްފަހު އިކޮނޮމިކް މިނިސްޓްރީ އާއި އެގްޒިމް ބޭންކު ގުޅިގެން އެ މަޝްރޫއުގެ އީޕީސީ ކޮންޓްރެކްޓަރު ހޮވުމަށްޓަކައި ޓެންޑާ ޑޮކިއުމެންޓްތައް ތައްޔާރުކުރެވޭނެ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުންޏެވެ. މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަނދުތަށް ޖެއްސޭވަރަށް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގު ކުރެވި
ޓާމިނަލްތަކާއި ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އުމްރާނީ ތަރައްގީގެ ބޮޑެތި ހަތް މަޝްރޫއު ރާއްޖޭގައި ހިންގާނެ އެވެ. މީގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އާއި އައްޑޫ މަގުތައް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އާއި ގުޅީފަޅު ބަނދަރު މަޝްރޫއު އާއި މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ހުޅުމާލޭގައި ހަދާ ކްރިކެޓް ދަނޑާއި ހުޅުމާލޭގައި އިމާރާތްކުރާ ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއު ހިމެނެ އެވެ.
އޭގެ އިތުރުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބުރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއް ވަނީ ފޯރުކޮށްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު