ސިވިލް ކޯޓް

10 ދުވަހުގެ ތެރޭގައި ސާއިނާ އަށް 37183 ރުފިޔާ ދިނުމަށް ހެވީލޯޑްގެ މައްޗަށް ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކ. ގުރައިދޫ ސްވީޓް ލައިފް އައިމިނަތު ސާއިނާ އަށް 10 ދުވަހުގެ ތެރޭގައި 37،183.33 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލްކޯޓުން އެގޮތަށް ހުކުމް ކުރީ ހެވީލޯޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އިހުމާލު ވެގެން ކަމަށްބުނެ ސާއިނާ މަގާމުން ވަކި ކުރުމާ ގުޅިގެން އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން އެއީ ސައިނާއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޓްރައިބިއުނަލުން ނިންމައި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ސާއިނާއަށް ދެއްކުމަށް ހެވީލޯޑުގެ މައްޗަށް ޓްރައިބިއުނަލުން ކުރި އަމުރު ހެވީލޯޑުން ތަންފީޒު ނުކުރުމުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެ މައްސަަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ، ސާއިނާއަށް ފައިސާ ދިނުމަށް އަންގައި ޓްރައިބިއުނަލުން ކުރި އަމުރަކީ ސައްހަ އަމުރެއް ކަމަށެވެ.

ޓްރައިބިއުނަލުން ބުނެފައިވަނީ، ސާއިނާއަށް އެފައިސާ ދޭން ޖެހޭކަމަށް އަމުރު ކުރީ ހެވީލޯޑުގެ ހިއުމަންރިސޯސް މެނޭޖަރުކަމުގެ މަގާމުުގައި އޭނާ ވަޒީފާ އަދާކުރަނިކޮށް ހެވީލޯޑުން ލ. ގަމުގައި ހިންގަމުން ގެންދާ މޯ ހޮޓަލުގައި އެކައުންޓެންޓެއްގެ ވަޒިފާ އަދާކުރަމުން ދިޔަ ސްރީލަންކާގެ ރައްޔިތެއް އެ ހޮޓަލުގައި ހުރި ފައިސާތައް ހިފައިގެން ރާއްޖޭން ބޭރަށް ފުރުމާ ގުޅިގެން އެކަން ހިނގީ ސާއިނާގެ އިހުމާލުން ކަމަށްބުނެ އޭނާ ވަޒީފާއިން ވަކިކުރި ނަމަވެސް އެކަން ސާބިތު ވެފައި ނުވާތީ ކަމަށެވެ.

އޭނާ ހެވީލޯޑުގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތުގެ ތެރެއިން ކޭޝްފްލޯ ދަށްވުމުގެ ސަބަބުން ކަމަށްބުނެ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި މާޗް މަހާއި އޭޕްރީލް މަހުގެ މުސާރަ އާއި އިނާޔަތްތަކާއި، 2019 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނުދި ހިފަހައްޓާފައިވާ ކަމަށްވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވެއެވެ.