އެމްޓީސީސީ

ރަސްމާދޫ ބަނދަރުގެ މަސައްކަތް ފެށިގެން ބާރަށް ކުރިޔަށް

މަރިޔަމް ޝަހުދާ

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތް އަމަލީ ގޮތުން ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 11 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރަސްމާދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ %10 މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 9،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތާއި، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި ނެރުބައްތި އާއި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ޕްލޭނިންގް މިނިސްޓްރީން އެ ކުންފުންޏާއި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއަކީ 21.91 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.