ސައުދީ އަރަބިއާ

އުމްރާ ދަތުރުތަކަށް އަންނަ މަހުން ފެށިގެން ސައުދީ ހުޅުވާލަނީ

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން ސައުދީ އަރަބިޔާއަށް އުމްރާ ކުރުމަށް އެތެރެވުން މިއަހަރުގެ ފެބްރުއަރީ މަހު މަނާ ކުރުމަށް ފަހު، އަންނަ އޮކްޓޫބަރު މަހުން ފެށިގެން އުމުރާ ދަތުރުތަކަށް ސައުދީ އަލުން ހުޅުވާލަން ނިންމައިފި އެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އޮކްޓޫބަރު ހަތަރަކުން ފެށިގެން ވަކި ސްޓޭޖް ތަކަކަށް ބަހާލައިގެން އުމްރާގެ އަޅުކަން އަދާ ކުރުމަށް ހުޅުވާލުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. އަލުން އުމްރާ ދަތުރު ތަކަށް ހުޅުވާލާނީ ކޮވިޑް 19 އާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ސައުދީން ބުނެއެވެ.

ސައުދީ ސަރުކާރުގެ މި ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ބޭނުންވެފައި ތިބުމުން، އެކަމާ ގުޅިގެން ކޮވިޑް 19ގެ މިހާރުގެ ހާލަތަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާ ދަތުރުތަކަށް ސައުދީ ހުޅުވާލުމުގެ ފުރަތަމަ ސްޓޭޖުގައި، އޮކްޓޫބަރު ހަތަރެއްގައި އުމްރާ ވުމުގެ ފުރުސަތު ހުޅުވާލާނީ އެގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އެއީ %30 ގެ ކެޕޭސިޓީއެއްގައި، ދުވާލަކަށް 6000 އުމްރާވެރިން ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާ ދަތުރުތަކަށް ސައުދީ ހުޅުވާލުމުގެ ދެވަނަ ސްޓޭޖުގައި މި އަދަދު %75 ގެ ކެޕޭސިޓީއެއްގައި، ދުވާލަކަށް 15,000 އުމްރާވެރިންނާއި އަޅުކަން ކުރާ 40,000 މީހުނަށް މަސްޖިދުލް ހަރަމް ހުޅުވާލާނެ ކަމަށް ސައުދީ ސަރުކާރާއި ހަވާލާދީ އަރަބް ނިއުސްގައި ރިޕޯޓު ކޮށްފައި ވެއެވެ.

ސައުދީ އިން ބޭރު، އެހެން ގައުމުތަކުން އުމްރާ ކުރަން ދާ މީހުނަށް އެ ގައުމަށް ދިއުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އުމްރާ ދަތުރުތަކަށް ސައުދީ ހުޅުވާލުމުގެ ތިން ވަނަ ސްޓޭޖުގައެވެ. އެއީ ނޮވެމްބަރު މަހުން ފެށިގެން ކަމަށާއި ނޮވެމްބަރު މަހުން ފެށިގެން ފުލް ކެޕޭސިޓީގައި ދުވާލަކު 20,000 އުމްރާވެރިންނާއި 60,000 އަޅުކަން ކުރާ މީހުނަށް މަސްޖިދުލް ހަރަމް ހުޅުވާލާނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ހަތަރު ވަނަ ސްޓޭޖް އަންނާނީ ކޮވިޑް 19ގެ ހާލަތު މުޅިން ރަނގަޅު ވުމާއެކު، މަސްޖިދުލް ހަރަމްގެ ކަންކަން އާންމު ހާލަތަށް ދިއުން ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން އުމްރާ ދަތުރުތަކަށް ސައުދީއަށް ދާ މީހުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ނިންމާފައިވަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ކަމަށްވާ "އިޓަމަރްނާ" މެދުވެރިކޮށް ކަމަށާއި މި އެޕްލިކޭޝަން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް އެ ގައުމުގެ ސަރުކާރާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.